އުތުރު އެމެރިކާގެ ޖަޒީރާ ޤައުމެއް ކަމަށްވާ ޖެމެއިކާއިން ފަލަސްޠީނަކީ ދަޢުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. އަދި އެކަމާ ގުޅިގެން އެޤައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން އެބަ ގެންދެއެވެ.
ޖެމެއިކާގެ ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު ކާމިނާ ޖޯންސަންސް ސްމިތް 22 އޭޕްރީލް 2024 ގައި އޮތް އެޤަމުގެ ވަޒީރުންގެ މަޖިލިސްގައެވެ. ޖެމެއިކާގެ ސަރުކާރުން ޤަބޫލްކުރާ ގޮތުގައި އެއީ އެޤައުުމުން ހިފަހައްޓަމުން އަންނަ ވަކިކޮޅަކަށް ނުޖެހޭ ޢުޞޫލާއި ހަމަތަކާއި، އދ ގެ ޗާޓަރުގައި ބަޔާންކުރާ އިންސާނީ ކަރާމަތާއި ހަމަހަމަ ކަމަށް އިސްކަންދިނުމުގެ އުޞޫލުތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންނާއި، އިސްރާޢީލް އަކީ ވެސް ދަޢުލަތަކަށް ވެފައި، ޣައްޒާގެ ހަމަނުޖެހުންތަކަށް އޮތް ޙައްލަކީ ދެ ދަޢުލަތް ހިމެނޭ ޙައްލެއް ކަމަށް ބެލުމާއެކު މެދުއިރުމައްޗަށް ޞުލްޙައެއް އަންނާނެ ގޮތަކީ އެއީ އެވެ.
ޖެމެއިކާގެ މިނިންމުމާއި ގުޅިގެން އެޤައުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުޙަބާ ކިއުމާއި އުފާ ފާޅުކުރުމުގެ އެއްވުންތައް ބާއްވަމުން ވެސް އެބަ ގެންދެއެވެ. އަދި މިދުވަސް ވަރަކީ ދުނިޔޭގެ އެންމެ މަޝްހޫރު ބޮޑެތި ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުން ގެންދާ ދުވަސް ވަރެކެވެ. އަދި އެދަ އެއްވުންތަކުގައި ވެސް ޖެމެއިކާގެ މި ރިވެތި ނަމޫނާ އިން ފިލާވަޅު ދަސްކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލަމުން އެބަ ގެންދެއެވެ.
ޖެމެއިކާ އަކީ އުތުރު އެމެރިކާއަށް ނިސްބަތްވާ 49 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ޤައުމެކެވެ. އާބާދީ އަކީ 2.8 މިލިޔަން މީހުންނެވެ.