މި މަހުގެ ކަރަންޓް ބިލް ބޮޑުކަމުން މީހުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ސްޓެލްކޯގެ އެމްޑީ ފަހުމީ ބިލްތައް ބޮޑުވުން ދިފާޢުކޮށް ދެއްކެވީ އާދަޔާ ޚިލާފު ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މި މަހު އައި ކަރަންޓް ބިލް ބޮޑުވެފައި ވަނީ ހަމަ އެކަނި ރާއްޖޭގައި ނޫންކަމަށާއި، މުޅި ދުނިޔޭގައި ވެސް ކަރަންޓް ބިލް ބޮޑުވެފައި ވާކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓް ބިލް ބޮޑުވެގެން އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާގައި ޙިއްސާކުރަމުން އެބަ ގެންދެއެވެ. އަދި މީހުންގެ ކަންބޮޑުވުމަކީ ކުއްލިއަކަށް ޤަބޫލުކުރަން ދަތި ނިސްބަތަކުން ބިލްތައް ބޮޑުވެފައި ވުމެވެ. އެގޮތުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ހާހަކަށް ބިލް ނާރާ ގޭގޭގެ ބިލް މި މަހު ހުރީ 5000 ރުފިޔާއިން މަތީގައެވެ. އަދި ސޯލާ ބަހައްޓައިގެން ކަރަންޓް ބިލަަށް އެކައްޗެއް ވެސް ދައްކަން ނުޖެހޭ ގޭގޭގެ ބިލް ވެސް ތިން ހަތަރު ހާހުން މައްޗަށް އަރާފައި ވެއެވެ.
ކަރަންޓް ބިލް ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅަކު ވަރަށް ތަފުޞީލްކޮށް ލިޔުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާޔަތުގެ ދަށުން (މާޗް) ރަމަޟާން މަހުގެ ކަރަންޓު ބިލުން ރައްޔިތުންނަށް ދެއްވި ލުޔަށް އެރަށުގެ އެކި ގޭގެއަށް ލުއި ދެއްވީ އެކި ވަރަށް އެއްވެސް އިންސާފެއް ނެތި ކަމަށެވެ. ބައެއް ގެތަކުން 2000-1500ރ ގެ ލުއި ދީފައި، ބައެއް ގެތަކަށް އެންމެ 400ރ ގެ ލުއި ދީފައި ހުރީ. ބެލި ގޮތެއް ވެސް ހެދި ގޮތެއް ވެސް ވީ ނުވީއެއް ވެސް ނޭގޭ ގޮތަށެވެ. މެނުއަލް ރީޑިން އެޅިއިރު އެޅިފައި މިއޮތީ ބުޅާ ބޯކިބާ ބެހިގޮތަށްތޯ ސުވާލު އުފައްދާފައި ވެއެވެ. ދެން އައީ އެޕްރިލް މަހުގާ އައި ބިލެއް އެބިލުން ފެބްރުވަރީ އަދި މާޗް މަހަށްވުރެ 2459ރ ބޮޑުވެގެން މިދިޔަ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭގުނު ކަމަށެވެ. ދެމަހުގެ ބިލަށް އަރާވަރު 1 މަހަށް މިއެރީ ކިހިނެތް ހަދައިގެން ކަން އެނގޭ މީހަކު ހުރިތޯ ވެސް ސުވާލުކޮށްފައި ވެއެވެ. އަންނަ މަހު މުޅިގެއިން ކަރަންޓު ކަޑައިގެން ތިބެ ބިލް ބުޑަވޭތޯ ބަލަން ވީތޯ ވެސް ސުވާލުކޮށްފައި ވެއެވެ.
އަދި ބޮޑެތި ޢަދަދުތަކުން ބިލް ދައްކަން ޖެހޭ ތަންތަނުގެ ކަރަންޓު ބިލް ނުދެއްކިޔަސް ރަނގަޅު ކަމަށާއި، އިންޖީނުގެ ހިންގަން ދަތި ނުވާކަމަށާއި ނޫނީ ބެހި ހަދިޔާތަކަށް މުސާރަ ދޭން ރައްޔިތުން ފެލަނީތޯ ވެސް ސުވާލުކޮށްފައި ވެއެވެ. އޭނާ ޙިއްސާކޮށްފައިވާ ބިލްތަކުގައި ވާގޮތުން:
ފެބްރުވަރީ 2973.70 ރުފިޔާ
މާރޗް 2563.37 ރުފިޔާ
އެޕްރީލް 5022.17 ރުފިޔާ
އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާޔަތަށް 400ރ މާރޗް މަހު ދެއްވާފައި ވާތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، އެހެނިހެން މަސް މަހަށް ވުރެ މިމަހު އިތުރުވި 2459ރ އަށް ދެން ބުނާނެ އެއްޗެއް ނެތް ކަމަށެވެ.