woman spreading her arms

އިބްރާހީމް ޙާފިޒު

ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގައްނާނީ ކިހިނެތް؟

ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ހުރަސްތަކާއި ގޮންޖެހުންތަކަކީ ކޮންމެ މީހަކަށްވެސް ކުރިމަތިލާން ޖެހޭނެ ދިރިއުޅުމުގެ ބައެއްކަމެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން  ކޮންމެ އިންސާނަކަށްވެސް ދަތިއުދަގޫތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިއީ ޒާތީ، ނުވަތަ ޕްރޮފެޝަނަލް، ނޫނީ މާލީ، ނުވަތަ ސިއްހަތާ ގުޅުންހުރި ތަފާތު ގޮތްގޮތަށް އަތުވެދާނެ ކަންކަމެވެ. ކާމިޔާބު ހޯދުމަށް ކުރާ ކޮންމެ ދަތުރެއްގެ މަގުމަތީގައި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވުމަކީ ލާޒިމު ކަމެކެވެ. އެއީ އެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކާމިޔާބު ނުވަތަ ނާކާމިޔާބުވުން އާޚިރުގައި ކަނޑައަޅާނީ، މި ހުރަސްތަކާ ކުރިމަތިލާން އަޅުގަނޑުމެން އިޚްތިޔާރުކުރާ ގޮތެވެ. ހުރަސްތަކުން އަރައިގަނެފައިވާ ކާމިޔާބު ފަރުދުންގެ ނަޒަރުން ބަލާއިރު، ގޮންޖެހުންތަކަކީ ކުރިއެރުމަށް ލިބޭ ފުރުސަތުތަކެއްކަން ވިސްނުން މުހިންމެވެ. އެއީ ތިމާއަށް ކުރިމަތިވާ ގޯސްތަކުން ޢިބްރަތް ލިބިގަތުމާއި، ކެތްތެރިކަން ތަރައްޤީކުރުމާއި، އަޚްލާޤު ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާ ކަންކަމެވެ. މުސީބާތުގެ ފުރަތަމަ އަލާމާތް ފެނުމުން ދޫދޭ މީހުންނާއި ކާމިޔާބު މީހުން ތަފާތު ކުރަނީ މި ސިފަތަކުންނެވެ. ކާމިޔާބު މީހުން ވަކިވާ ކަމަކީ މި ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލްކަމެވެ. އެމީހުން މުސީބާތްތަކުން އެމީހުން ކޮންޓްރޯލް ކޮށް ނުދީ، އެމީހުންގެ ލަނޑުދަނޑިތަކާ ދިމާއަށް ކުރިއަށް ޖެހިލައެވެ. މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބީއާ ދިމާއަށް ކުރިއަށް ދެވޭނެ ބައެއް ގޮތްތަކެވެ.

1.ގޮންޖެހުންތައް ރަނގަޅު ގޮތުގައި ބަލައިގަތުން: ގޮންޖެހުންތަކަކީ ގޯސް ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އެއީ ތިމާ އަށް އިތުރު ކަންކަން ދަސްވެ ކުރިއެރުމަށް ލިބޭ ފުރުސަތުތަކެއްގެ ގޮތުގައި ވިސްނާށެވެ. އެ ގޮންޖެހުން ރަނގަޅު ގޮތުގައި ބަލައިގަނެ، އެ ތަޖުރިބާއިން ތިމާ އިތުރަށް ތަރައްޤީ ކުރެވޭނެ ކަންކަމަށް  ވިސްނުން ބަދަލުކުރާށެވެ.

2.ފައްސިކޮށް ވިސްނުން ނުވަތަ ރަނގަޅު އާދަތައް ބިނާކުރުން: ފައްސި ވިސްނުމަކީ އެންމެ އުނދަގޫ ގޮންޖެހުންތަކުން ވެސް އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހުރަހެއް ކުރިމަތިވެއްޖެނަމަ، އެ މައްސަލަތަކުގައި ބަނދެވިގެންނުހުރެ ހެޔޮ ކަންކަމަށް ވިސްނައި، ހައްލުތައް ހޯދުމަށް މަސައްކަތް ކުރާށެވެ.އެއާއެކު ތިމާގެ ދިރިއުޅުން ރަނގަޅު އާދަތަކަށް ވަގުތުދީ ތިމާ ގެއްލުމަކަށް ހުށަހެޅިދާނެ ކަންކަމުން ބަރީޢަވެހުރުން ވަރަށް މުހިއްމެވެ.

3.އަމަލީގޮތުން ފިޔަވަޅު އެޅުން: ގޮންޖެހުންތައް އަމިއްލައަށް ނެތިދިއުމަށް އިންތިޒާރު ނުކުރާށެވެ. ތިމާއަށް އަމަލީ ގޮތުން ފިޔަވަޅު އަޅައި އެކަމުން އަރައިގަތުމަށް ކުރެވެން އޮތް ކަމެއް ކުރާށެވެ.

4.ނާކާމިޔާބީން ދަސްކުރުން: ނާކާމިޔާބީއަކީ ދިރިއުޅުން ނިމުމެއް ނޫނެވެ. އެއީ ދަސްވެ ކުރިއަރަން ލިބޭ އިތުރު ފުރުސަތެކެވެ. ގޯސް ކޮށް ކުރެވުނު ކަންކަމާއި ދެން އަންނަ ފަހަރު ތަފާތު ގޮތަކަށް ކުރެވިދާނެ ކަންކަމާ މެދު ވިސްނާލަން ވަގުތު ހޯދާށެވެ.

5.ސަޕޯޓް ހޯދުން: ގޮންޖެހުމަކާ ކުރިމަތިލާއިރު އެހީތެރިކަމަށް ނުވަތަ ސަޕޯޓަށް އެދެން ޖެހިލުން ނުވާށެވެ. މިއީ އިރުޝާދާއި ހިތްވަރު ފޯރުކޮށްދެވޭނެ މެންޓަރެއްގެ  ނުވަތަ ރަހުމަތްތެރިއެއްގެ ސިފައިގައި ވެސް ކުރެވިދާނެ ކަމެކެވެ. ރަނގަޅު ރަޙުމަތްތެރިންގެ ލަފަޔަކީ ތިމާ ރަނގަޅު ގޮތުގައި ހުރުމަށް ނުހަނު މުހިއްމު ރޯލެއް އަދާކުރާބަޔެކެވެ.

ޖުމްލަކޮށް ބަލާއިރު، ދަތިއުދަނގޫތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ ކަންކަމަށް ފައްސިކޮށް ވިސްނުމާއި، މިންވަރަށް އީމާންވުމާއި، ތިމާއަށް ކުރިމަތިވާ  ގޮންޖެހުންތައް ކުރިމަތިވާ ސަބަބުތައް ދެނެގަނެ ، އެކަމުން އަރައިގަތުމަށް ބޭނުންވާ ސަޕޯޓް ހޯދައި،  އަމަލީ ގޮތުން ދިރިއުޅުމުގައި ރަނގަޅު އާދަތައް ފަރިތަކުރުމުން އެންމެ އުނދަގޫ ގޮންޖެހުންތަކުން ވެސް އަރައިގަނެ، ތިމާ ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެއެވެ. އަހަރެމެން އިންސާނުން އަނބަދުވެސް ހަނދާން ކުރަންވީ ކަމަކީ ހަޔާތުގެ ދަތުރަކީ އުނދަގޫ ދަތުރަކަށް ވިޔަސް ކެއްތެރިވުމުގެ ސަބަބުން އެއުދަގޫތަކުން ސަލާމަތްވެވިދާނެކަމެވެ.