ރަޙްމަތްތެރިކަމާއި އަޚުވަންތަކަމާއި ގާތްތިމާގެކަން ކެނޑި، ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމާއި، ޙައްްޤު ނޫން މަޤާމުތަކާއި އިނާޔަތްތައް ބޭނުންކުރުމާއި، ނާޖާއިޒު ނުފޫޒުތައް ފޯރުވުމަކީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ރާއްޖޭގައި ޢާންމުވެފައިވާ ނުރައްކާތެރި އިޖްތިމާޢީ ބަލިތަކެވެ.
ރަޙިމުގެ ގުޅުމަކީ ސިޔާސީ މަންފާއަކަށް ޤުރުބާން ކޮށްލެވޭ ވަރަށް ވުރެ މާތްވެގެންވާ ގުޅުމެކެވެ. އަދި އެފަދަ ގުޅުންތައް ކަނޑާލުމަކީ ނުހަނު ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ހިތާމައަކީ މިރާއްޖޭގައި ފެތުރެމުން މިދާ ސިޔާސީ ޙަސަދައާއި ޖަޒުބާތުތަކުގެ ސަބަބުން އެކަމަށް ވެސް ބަލައިލުމެއް ނެތި، އެއީ ވެސް އެންމެ އާދައިގެ ކަމެއްގެ ގޮތުގައި މިހާރަކަށް އައިސް ނަޒަރުކުރެވޭ ކަމެވެ.
ރިޝްވަތު ދިނުމާއި، އޭގައި ހިފުމާއި ބޭނުން ކުރުމަކީ ނުރައްކާތެރިކަން ބޮޑުވެގެންވާ ފާފައެކެވެ. ވޯޓު ހޯދުމަށާއި، ތާޢީދު އިތުރުކުރުމަށާއި، ނުފޫޒުތައް ވަރުގަދަ ކުރުމަށްޓަކައި ރިޝްވަތުގެ ފައިސާ ބެހުމާއި، ރިޝްވަތުގައި ހިފާ ބޭނުންކުރަމުން ގެންދަނީ އެއްވެސް ޚިޔާލެއް ފިކުރެއް ބިރެއް ވެސް ނެތިއެވެ.
މުޖުތަމަޢުގައި ފިތުނަ އުފެދޭނެ ވާހަކަތައް ފެތުރުމާއި، އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތައް ދައްކައިގެން މީހުން ޖަޒުބާތުގައި ޖެއްސުމަކީ މޮޅުކަމެއްގެ ގޮތުގައި ދެކޭ ބަޔަކު ވެސް އެބައުޅެއެވެ. އަދި އެފަދަ ކަންތައްތައް ކުރާމީހުންނީ ސިޔާސީ މުފައްކިރުންނަށްވެ، މަޤުބޫލުކަމާއި މަޝްހޫރުކަން ލިބެމުން ދެއެވެ.
އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ވާހަކަތައް ފަތުރައިގެން މީހުން ޢިއްޒަތާއި އަބުރު ކަތިލުމަކީ ވެސް ބައެއް މީހުންނަށް ނުހަނު އާދައިގެ ކަމަކަށް ވެއްޖެއެވެ. އިންސާނީ ކަރާމާތާއި ޢިއްޒަތުއް ނަފުސުގެ މަތިވެރިކަން ހަނދާންނެތި ސިޔާސީ ބޭނުމަށްޓަކައި މީހުން ޢިއްޒަތް ކަތިލަމުން ގެންދަނީ އަޖައިބު އަންތަރީސް ވާ މިންވަރަކަށެވެ.
ޑިމޮކްރަސީ އާއި ފަރުދީ މިނިވަންކަމުގެ ނަމުގައި ހިތަށް އެރި ކޮންމެކަމެއް ކުރުމާއި، ދުލަށް އައިހާ އެއްޗެއް ގޮވުމަކީ ސިޔާސީ ޝަޚުސިއްޔަތެއް ބިނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެއްޖެ ކަހަލައެވެ. މިއީ ވިސްނާ ފިކުރުކުރަން ޖެހޭ ބޮޑެތި ކަންބޮޑުވުންތަކެކެވެ. އަދި އަޅާނުލާ ދޫކޮށްލަން ހެޔޮވާވަރުގެ ކަންކަމެއް ވެސް ނޫނެވެ.