މިލައުތުރު

ކަރަންޓް ބިލް ބޮޑުވަނީ ކަރަންޓް ބޭނުންކުރަން ނޭނގޭތީ – ފެނަކަ މުއައްޒަފުން!

މިދިޔަ ރޯދަމަހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދީލަތި ޑިސްކައުންޓަށް ފަހު، ޖެހިގެން އައި ބިލް އިންތިހާ ދަރަޖައަކަށް މައްޗަށް އަރާފައި ވާތީ މީހުންގެ ޝަކުވާ ބޮޑުވުމުން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކުންފުނީގެ ދިފާޢުގައި ވާހަކަދައްކަން ފަށައިފިއެވެ. އެމީހުން ބުނާގޮތުގައި ކަރަންޓް ބިލް ބޮޑުވަނީ ގިނައިން ބޭނުންކުރާތީ އާއި ބޭނުންކުރަން ވެސް ނޭނގޭތީ ކަމަށެވެ.

މިހާރަކަށް އައިސް ފޭސްބުކްގައި މަޤުބޫލް އެކައުންޓެއް ކަމަށްވާ ހޮޅުއަށީގައި ޙިއްސާކޮށްފައިވާ ކަރަންޓް ބިލާއެކު ލިޔުއްވާފައި ވަނީ ޚުދު އޭނާ ވެސް ބިލްތައް ބޮޑު ވެދާނެކަމަށް ކުރިން ޤަބޫލު ނުކުރާ ކަމަށާއި، މިހާރު ޤަބޫލު ކުރެވިއްޖެ ކަމަށެވެ. އަދި އޭނާ ބޭނުންކުރި ކަރަންޓަށް އެވަރަށް އަރާފާނެ ކަމަށް ޤަބޫލު ނުކުރާކަމަށެވެ. ފެނަކަ ދ. ހުޅުދެލީ ބްރާންޗްގެ ބިލުގައި ވާގޮތުން 9،239 ރުފިޔާ ބިލަށް އަރާފައި ވެއެވެ. މިއީ މީހުން ދިރިއުޅޭ ގެއަކަށް ބަލާނަމަ ފުކެއް ބޮޑުވަރުކަމަށާއި، ބޮޑު އޮޅުވާލުމެއް ކަމަށެވެ.

މީހުންނަށް ކަރަންޓް ބޭނުންކުރަން ނޭނގޭ ކަމަށް ވާނަމަ ފެނަކައިން ކޯސްތަކާއި ވާކްޝޮޕްތައް ބާއްވައިގެން މީހުންނަށް ކަރަންޓް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭން ޖެހޭނެ ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އެބަ އުޅެއެވެ. ނޭނގޭ ނަމަ ދަސްކޮށްދޭން ވާނެއެވެ. އަދި ބިލްތައް ބޮޑު ކުރުމުގެ ކުރިން ކަރަންޓް ބޭނުންކުރަން ދަސްކޮށްދޭނެ ޖެހޭނެއެވެ. އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އެގޮތްކަން ޔަޤީނެވެ.