އުސްތާޛް ޒަކީ

މެކްސިކޯއިން ފެންނަ މާމުތް ހިންޏަކީ ވެސް ޤުދުރަތީ އަޖައިބެެއް ފަދަ އެއްޗެކެވެ.

މެކްސިކޯގެ އޮޒާކާ ސިޓީގައި އުޅޭ މާމުތް ހިންޏަކީ އަޖައިބެއް ފަދަ އެއްޗެކެވެ. އޭގެ ބަނޑުގައި ވަރަށް މީރު މާމުތެއް އަރާ ފުރި ބާރުވެފައި ހުރެއެވެ. އެސަހަރުގައި ދިރިއުޅޭ މީހުން އެފަދަ ހިނިތައް ހިފުމަށް ފަހު މާމުތް ފެލާފައި އަނެއްކާ ވެސް ދޫކޮށްލައެވެ. އަދި ދޫކޮށްލުމަށް ފަހު ރޭވެފައި އަލިވިލޭއިރު އަނެއްކާ ވެސް މާމުތް އަރާ ފުރޭކަމަށް ވެއެވެ.

އޮޒާކާ ސިޓީގެ އެކި ރަށް ރަށުގައި ޗިންޑޫޑިސްގެ ނަމުން މަޝްހޫރު މިހިނި މާމުތް އުފައްދާ ޖަމާކުރަނީ ހަތާގަނޑެއްގެ ބަދަލުގައި ބަނޑުގެ ކައިރީގައި އުފެދޭ ހަންތުނި ކޮތަޅަކަށެވެ. އެގޮތުން ބޭރަށް ފުއްޕާލާފައި އިންނަ ނާޒުކު ދުލިކޮތަޅަށް ޖަމާވާ މާމުތަކީ ވަރަށް މީރު ފޮނިރަހަލާ މާމުތެެއް ކަމަށް ވެއެވެ. އަދި އެބާވަތުގެ ހިންޏަކީ ޢާންމުކޮށް ފަޅު ސަރަހައްދުތަކަށް ނިސްބަތްވާ އެއްޗެކެވެ. އަދި ވާރޭ ވެހުން ދުރު މޫސުމުގައި ބޮޑެތި ޖަމާއަތްތަކަށް މިބާވަތުގެ މާމުތްހިނި ފެންނަކަމަށް ވެއެވެ.

އެޤައުމުގެ އެކި ރަށްރަށުގައި ތަފާތު ނަން ނަމުން ކިޔާ އުޅެއެވެ. އޭގެ ތެރޭގައި ޗިންޑޫޑިސް، ޓިއޮކޮންޑޫޑީ، ބޮޓިޖާސް، ޓިއޯކޯންޓޫޑީ، ވިނިޓޯސް، ބިންގިނާސް ފަދަ ނަންތައް ބޭނުންކުރެއެެވެ. އަދި ޢާންމުކޮށް ބޭނުންކުރާ ނަންކަމަށްވާ މިކްސްޓެކޯގެ މާނައަކީ ”މާމުތްހިނި“ ކަމަށް އެމީހުންގެ ފަތްފުއްތަކުގައި ވެއެވެ.

ދުވާލު ވަގުތު ކުޑަކޮށް ބިންގަނޑު ކޮނެލުމުން މި ފޮނި މާމުތްހިނި ފެންނަ ކަމަށާއި، ހަމަ އެނަކި ފޮނިރަހައެއް ހުންނަ ހުރުމަށް ވުރެ، މާ މީރު ފޮނި ރަހަތަކެއް ހުންނަ އެއްޗެއް ކަމަށް ވެއެވެ. އެހެން ކަމުން ހިނި އާލާކުރުމަށް އެތަކެއްޗަށް އަނިޔާ ނުކުރުމަށް އިރުޝާދުތައް ދެމުން ގެންދެއެވެ. އަދި އެތަކެތީގެ ބަނޑުން މާމުތް ނެގުމަށް ފަހު އޯގާތެރިކަމާއެކު އަލުން ދޫކޮށްލާން ޖެހެއެވެ.

އެ ސިޓީގައި މާމުތް ނަގާ މީހުން އެ ހިނިތައް ހިފުމަށް ފަހު މާމުތް ފެލާ ނިމުމުން ބިމަށް ދޫކޮށްލުމުން ރޭގަނޑު ގަޑީގައި އަނެއްކާވެސް މާމުތް އުފައްދާ ބަނޑު ފުރާލައެވެ. މި ހިންޏަކީ ވެސް ހަމަ އަޖައިބެއް ފަދަ މިސާލެކެވެ.