އިޒްރޭލްގެ ހައްދުފަހަނައެޅި އަޝްކަރިއްޔާގެ ޤަތުލުއާންމުތަކުގައި މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ޝަހީދުވެ، ދެމިލިޔަނެއްހާ މީހުން ގެދޮރުނެތިފައި ވަނިކޮށް ވެސް ޣައްޒާގެ ހިތްވަރުގަދަ ޒުވާނުން ނިކުމެ މަގުތައް ސާފުކުރަން ފަށައިފިއެވެ.
ޣައްޒާގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އަޖައިބެއް ފަދަ ހަރުދަނާ އަޤީދާއަކާއި ކެތްތެރިކަމެކެވެ. ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކުގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި އެމީހުންގެ ވަޠަނުގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި މިއަދުވެސް ތިބީ މިނިވަން ދަޢުލަތެއްގެ ފޮނި އުންމީދުގައެވެ. އަދި ގަދަކަމުން ފޭރިގަތްފައިވާ އެމީހުންގެ ބިންތައް އަނބުރާ ހޯދުމުގެ މަތިވެރި ޖިހާދުގައި އެމީހަކަށް ކުރެވުނުކަމެއް ކުރުމުގައި ނިކަން ސާބިތުވެގެންނެވެ.
ފަހުގެ ތާރީޚެއްގައި މުސްލިމް އުންމަތުގެ ބައެއްގެ ފަރާތުން ނުފެންނަހާ ހިތްވަރާ ކެއްތެރިކަމާއި ވަރުގަދަ އަޤީދާގެ މިސާލަކަށް ޣައްޒާގެ މުސްލިމުން ވެގެންދާނެކަން ޔަޤީނެވެ. މައިން ބަފައިންނާއި، ދަރީންކޮޅު ޤަތުލުކޮށްލައި، އުމުރު ދުވަހުން ބިނާކުރާ ބޯހިޔާވަހިކަން ބިމާހަމަކޮށްލަނީ ރޮއި ރޮއި ތިއްބާ އެމީހުންގެ ލޯކުރިމަތީގައެވެ. ޣައްޒާގެ ރައްޔިތުންނަށް ވުރެ ވަކިން ނިކަމެތި ޙާލުގައި ދުނިޔޭގައި ދިރިއުޅޭ ދެވަނަ އެއްވެސް އިންސާން ބަޔަކު ނޫޅޭނޭ ބުންޏަސް ކުށަކަށް ނުވާނެއެވެ.
މިހުރިހާ ކެކުޅުންތަކާ އެކު ވެސް އެމީހުން އުފަންވީ ފަސްގަނޑުގެ ކަރާމާތައްޓަކައި މަގުތައް ކުނިކަމާ ސާފުކުރުމުގައި ކަށިން ހިތްވަރުލާފައި މަސައްކަތް ކުރަނީއެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީ ޢިބުރަތެއްކަމުގައި ނުވާނެ ހެއްޔެވެ.