މިލައުތުރު

އިސްތަށީގައި ޖައްސާ ކަޅުކުލައިގެ އަގުތައް ދެ ގުނަކުރުމުން ވެސް ސްޓޮކް ހުސްވަނީ…

އިސްތަށިގަނޑު ކަޅު ކުރުން ހުއްދަ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމުމާ ގުޅިގެން އިސްތަށީގައި ޖައްސާ ކުލަ ވިއްކާ ފިހާރަތަކުން އަގު ބޮޑުކުރީމާ ވެސް ސްޓޮކް ހުސްވާތީ ކޮންޓްރޯލް ކޮށްގެން ވިއްކަން ފަށާފައިވާ ކަމަށް ބައެއް ސޭޓުން ބުނެފިއެވެ.

ކުރީގައި 150 ރުފިޔާއަށް ލިބޭ ކުލަ މިހާރު ލިބެނީ 250 ރުފިޔާއަށް ކަމަށް ބައެއް މީހުން ބުނެއެވެ. އަގުތައް ކުއްލިގޮތަކަށް މައްޗަށް ދިޔައީ އެއީ ހުއްދަކަމެއް ކަމަށް އިލްމުވެރިންގެ ފަތުވާއެއް އާންމުކުރެއްވުމުންނެވެ. ބައެއް ފިހާރަތަކުން ބޮލުގައިޖައްސާ ކުލަ ހުސްވެެފައިވާ އިރު، އަނެއްބައި ފިހާރަތަކާއި ސެލޫންތަކުން އަގުތައް ވަނީ ބޮޑު ކޮށްފައެވެ.

ފަތުވާ މަޖިލީހުން  ނެރުނު ފަތުވާގައި ބަޔާންކޮށްފައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ. އެއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔަކާ ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެއް ކަމަށެވެ.

މި ދެ ރައުޔަކީ ވެސް ދަލީލުތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި، އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދަށް ކަމަށެވެ. ވީމާ މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ، ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށެވެ.

މީގެ އިތުރުން ވިދާޅުވެފައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށާއި، އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.