ލިޔުނީ: ޑރ. އިސްމާޢީލް ނިޒާމް
މި ލިޔުމަކީ އދ އިން ފަލަސްޠީނުގެ ވެރިވެގަނެފައިވާ ސަރަހައްދުތަކަށް ކަނޑައަޅާފައިވާ އިންސާނީ ހައްޤުތަކުގެ ހާއްޞަ ރެޕޮޓަރ، ފްރާންސެސްކާ އަލްބަނިސް، އދ ގެ އިންސާނީ ހައްޤުތަކުގެ ކައުންސިލްގެ 5 ވަނަ ބައްދަލުވުމަށް ޖޫން 2025 ގައި ހުށަހެޅި ރިޕޯޓުގެ ހުލާސާ ތަރުޖަމާއެކެވެ. މީ ހުލާސާ ތަރުޖަމާއެއްކަމުން ރިޕޯޓުގައި ހިމެނިފައިވާ މަސްދަރުތައް ހިމެނުމަށް ގަސްދެއް ނުކުރުމެވެ. މަސްދަރުތަކާއި ބައެއް އިތުރު ތަފްޞީލު ބައްލަވާލެއްވުމަށް ކިޔުންތެރިން ބޭނުންވެލައްވާ ނަމަ އަޞްލު ރިޕޯޓް ވިދާޅުވުމަށް ޒިޔާރަތްކޮށްލެވޭނެ ލިންކެއް މި ލިޔުމުގެ ތިރީގައި ދެވިފައި އެވަނީއެވެ.
މީހުން އަޅުވެތިކުރުމާއި އެމީހުންގެ މައްޗަށް ބާރުވެރިވެގަތުމުގެ އުއްމީދުތަކާ މަސްހުނިވެގެން ފެށިގެންދާ ޤަތުލުއާންމުތަކަކީ ތާރީޚުގައިވެސް ވިޔަފާރީގެ ސިނާޢަތްތަކުން މަގުފަހިކުރެވިގެން އައިސްފައިވާ ކަމެކެވެ. ވިޔަފާރީގެ މާއްދީ އެދުންވެރިކަމުގެ ނަތީޖާކަމުގައި ބިންތަކުގެ އަސްލީ އަހުލުވެރިންނަށް ބިންތައް ގެއްލިގެން ދިއުންވެއެވެ. މި ގޮތުން އުފެދިގެންދާ ބާރުވެރިވެގަތުމަށް ކިޔެނީ ނަސްލީ އަޅުވެތިކަމުގެ މާއްދިއްޔަތެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ޞަހްޔޫނީންގެ މަޤުޞަދާއި ޢަމަލުތަކަކީ މިފަދަ ހަޤީޤަތެކެވެ. އެގޮތުން ވެރިވެގަތުން އިތުރު ސަރަހައްދުތަކަށް ފުޅާކުރުމާއި މުއައްސަސީ ނިޒާމެއްގެ ތެރެއިން ބިންތަކަށް ވެރިވެގަނެ މީހުން އެބިންތަކުގައި ވަޒަންވެރިކުރުމުގެ ނަސްލީއިންތިޔާޒުގެ ޣައިރު ޤާނޫނީ ދައުލަތުގެ ސަރަހައްދު ފުޅާކުރުން ހިމެނެއެވެ. 76 އަހަރު ދުވަހު ފަލަސްޠީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް އިންކާރުކޮށް ހުރަސް އަޅަމުން ގޮސް، އަދު ފަލަސްޠީންގެ މުޅި ނަސްލު މުލުން ލުހެ ފަލަސްޠީނުގެ ބިން އެކީއެކަށް ހުސްކޮށްލުމަށް ވަނީ މުޑިފައި ވިއްދާފައެވެ.
މި ތަހުޤީޤީ ރިޕޯޓުގައި ތަހުލީލުކޮށް ސާބިތުކޮށްދޭން ގަސްދުކުރަނީ އިސްވެ ބަޔާންކުރެވުނު ޣައިރު ޤާނޫނީ ބާރުވެރިވެގަތުމާއި އެކަން މަގުފަހިކުރުމަށް ހިންގަމުންދާ ޤަތުލުއާންމު ދެމެހެއްޓުވުމުގައި ދުނިޔޭގެ ބިޔަ ވިޔަފާރި ކުންފުނިތަކުން އަދާކުރަމުންދާ ނުބައި ބިރުވެރި ދައުރުގެ މައްޗަށެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ހަތިޔާރު އުފައްދާ ކުންފުނިތަކާއި ބޭންކުތަކާއި ޕެންޝަން ފަންޑުތަކާއި އިންޝުރެންސް ކުންފުނިތަކާއި ޔުނިވާސިޓީތަކާއި އެހީގެ ޖަމިއްޔާތަކުން އަދާކުރަމުންދާ ދައުރުގެ މައްޗަށް އަލިއަޅުވާ ލެވިގެންދާނެއެވެ. ތަހުޤީޤީ މަރުހަލާ ފުރިހަމަ ކުރުމަށް ސީދާގޮތުންނާއި ނުސީދާގޮތުން އިސްވެ ބަޔާންކުރެވުނު ޖަރީމާއަށް މަގުފަހިކޮށްދޭ 1000 ކުންފުނީގެ ލިސްޓެއް އެކުލަވާލެވުނެވެ. ފުރަތަމަ މަރުހަލާގެ ތަހުޤީޤަށް ފަހު ކުންފުނިތަކަށް ޖަވާބުދާރީވުމަށް ދިން ދައުވަތަށް 200 އަށް ވުރެ ގިނަ ކުންފުނިތަކުން އިތުރު މަޢުލޫމާތު ހުށައެޅިއެވެ. މި އިތުރު މަޢުލޫމާތުތަކާ އެކު ގިނަ ޢަދަދެއްގެ ތަހުލީލީ މަޢުލޫމާތު އެއްކުރުމަށްފަހު، ތަހުލީލުތަކުން ބޮޑެތި ކުންފުނިތަކުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އިންސާނީ ހައްޤުތަކުގެ ޖަރީމާތައް ހިންގުމާއި ޞަހްޔޫނީ ޣައިރު ޤާނޫނީ ދައުލަތުން ބިންތައް ފޭރުމާއި ވެރިވެގަތުމުގައި ބައިވެރިވެފައިވާ ފުޅާމިންވަރު ހާމަކުރެވުނެވެ. ދުނިޔޭގެ ބޮޑެތި 45 ވިޔަފާރި ކުންފުންޏެއްގެ ނަމާއި ޖަރީމައިގާ ބައިވެރިވަމުންދާ ގޮތް ބަޔާން ކުރެވިފައިވެއެވެ.
1901 ވަނަ އަހަރު ޞަހްޔޫނީ ޣައިރު ޤާނީނީ ދައުލަތުން ޤާއިމުކުރި ޖުވިޝް ނޭޝަލަން ފަންޑް އެއީ ޖަރީމާތައް ފެށުމުގެ ބިންގަލެވެ. މި މުއައްސަސާއިން ފަލަސްޠީނުގެ އަސްލީ ޢަރަބިން ފަލަސްޠީނުން ބޭރުކުރުމާއި ފުހެލުމާއި ފައްސާލުމުގެ ދުރުރާސްތާ މަގުޗާޓެއް އަދާއި ހަމަޔަށް ދަނީ ތަންފީޒުކުރަމުންނެވެ. 1948 ގެ މުޞީބާތުގެ (ނަކްބާ) ފަހުން އިތުރަށް ފުޅާވެގެން ދިޔައެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ މަދަދާއިއެކު ޞަހްޔޫނީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފުހެލުމާއި ފައްސާލުމުގެ މަސައްކަތް 1967 ގެ ފަހުން ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މި ނުބައި ޖަރީމާތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ހުރިހާ މާއްދީ ވަޞީލަތްތައް، ހަތިޔާރާއި މެޝިންތައް ހިމެނޭހެން، ކުންފުނިތަކުން ގެންދަނީ ޞަހްޔޫނީ ދައުލަތަށް ފޯރުކޮށްދެމުންނެވެ. މި ހަތިޔާރުތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ފަލަސްޠީނުގެ ބިންތަކަށް ބާރުވެރިވެ، މީހުންތައް ފުހެ، ފައްސާލުމާއި ގެދޮރާއި މަދަރުސާތަކާއި ހަސްފަތާލުތަކާއި އަޅުކަންކުރާ ތަންތަނާއި އިޖުތިމާޢީ އަދި މުނިފޫހި ފިލުވުމުގެ މަރުކަޒުތަކާއި އިޤްޠިޞާދީ ބިނާތަކާއި ވަޞީލަތްތަކާއި ހަރުމުދަލާއި ދަނޑުބިންތަށް ގެންދަނީ މެދުނުކެނޑި ސުންނާފަތިކުރަމުންނެވެ. ސަރަހައްދުތައް އެކަހެރިކުރުމާއި ސަރަހައްދުތަކަށް ބާރުވެރިވެގަތުމާއި ސަރަހައްދުތަކަށް ވަނުން މަނާކުރުން ދަނީ މަގުފަހި ކޮށްދެމުންނެވެ. މިގޮތުން ކުންފުނިތަކުން ދެމުން ގެންދާ އަސްކަރީ އަދި މާލީ މަދަދުގެ ނަތީޖާގެ ގޮތުން ޞަހްޔޫނީ ދައުލަތުން ހާޞިލްކުރަން ބޭނުންވާ ފަލަސްޠީނުގެ ނަސްލު މުޅިން ފުހެލުމަށް ބޭނުންވާ ހުރިހާކަމެއް ދަނީ ފުރިހަމަ ވަމުންދެއެވެ.
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްޠީނުގެ ނަސްލު ފައްސާލުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ބިޔަ ކުންފުނިތަކުން ފަލަސްޠީނުގެ އިޤްޠިޞާދު ހީރަކޮށް އިނދަޖެއްސުމުގައި ވެސް ބައިވެރިވެއެވެ. ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ވިޔަފާރިޔާއި ވުނަކުރުމާއި ދަނޑުވެރިކަން ކުރުމާއި މަސްވެރިކަން ކުރުމަށް އަނިޔާވެރިކަމާއި އެކު ހުރަސް އެޅުމުގައި ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ. މިފަދަ ހަރަކާތްތަކުގެ ނަތީޖާއަކީ ފަލަސްޠީނުގެ ބާޒާރު އަޅުވެތި ބާޒާރަކަށް ވެގެން ދިއުމެވެ. އަޅުވެތި ބާޒާރުތަކުގައި ވިޔަފާރިޔާއި ވުނަކުރުން ކުރިއެރުމަށް ލާޒިމްކުރާ މިނިވަންކަން ނެތި، ނޭދެވޭ އިޤްޠިޞާދީ ހަރަކާތްތަކާއި އަދި ކަޅު ބާޒާރުތައް އުފަންވެ ތަރައްޤީއާއި ތަމައްދުން ހީނަރުވެއެވެ. ނަތީޖާއަކީ ބިންފޭރުމާއި ވެރިވެގަތުމަށް އިތުރު ދޮރުތައް ހުޅުވިގެން ދިއުމެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ތަބީޢީ ގޮތުން ތަނަވަސް ވަޞީލަތްތަކުގެ %61 އަށް ވުރެ ބޮޑު ބައެއްގެ މައްޗަށް މިލްކުވެރިކަމުގެ ސަވާރުވުމެއް މުއައްސަސީ ނުފޫޒުންވަނީ ޞަހްޔޫނީންނަށް ޤާއިމްކޮށްދީފައެވެ. އެއީ މުޅި ފަލަސްޠީނުގެ އިޤްޠިޞާދީ އުފެއްދުންތެރިކަމުގެ އެންމެ މަދުވެގެން %35 އެވެ.
ޞަހްޔޫނީ ބިންފޭރޭ ދައުލަތުގެ މައިބަދަޔަކީ އަސްކަރީ ސިނާޢަތެވެ. 2020 – 2024 ދެމެދު ދުނިޔޭގެ 8 ވަނަޔަށް އެންމެ ބޮޑު އަސްކަރީ ސިނާޢަތަކީ އިޒްރޭލެވެ. އިޒްރޭލުގެ އެންމެ ބޮޑު އަސްކަރީ ހަތިޔާރު އުފައްދާ ދެ ކުންފުނި ކަމުގައިވާ އެލްބެޓް ސިސްޓަމްސް އާއި އިޒްރޭލް އެޔާރޯސްޕޭސް އިންޑަސްޓްރީޒް ދުނިޔޭގެ އެންމެ ބޮޑު 50 އަސްކަރީ ހަތިޔާރު ކުންފުނީގެ ތެރޭގައި ހިމެނެއެވެ. މި ކުންފުނިތަކުން އިޒްރޭލުގެ އަސްކަރިއްޔާއަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ދަނީ ފޯރުކޮށްދެމުންނެވެ. މިފަދަ ކުންފުނިތައް މެދުވެރިކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ދުނިޔޭގެ ހަތިޔާރުގެ ސިނާޢަތުގައި ދިގު ވަކިތަކެއް ވަނީ އަޅުވާލާފައެވެ. އެމެރިކާގެ މޮޑު އަސްކަރީ ކުންފުނި ލޮކްހީޑް މާރޓިންގެ އިތުރުން ދުނިޔޭގެ 1650 އަށް ވުރެ ގިނަ ހަތިޔާރު ކުންފިނިތަކުގެ ބޮޑު ގުޅުމަކުން އިޒްރޭލް ބޭނުންވާ އެފް-35 ފައިޓަރ ޖެޓް، އެފް-16 ޖެޓް އަދި ޖީބީޔޫ-31 ގެ ބޮމާއި އެމްކޭ-84 އެސް 2000 ޕައުންޑްގެ ބޮންތައް ދަނީ އިޒްރޭލަށް މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.
އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރަމުން ގެންދާ ބްރޭންޑްތަކުން ވެސް ދަނީ ޖަރީމާތަކުގައި ބައިވެރިވަމުންނެވެ. އައިބީއެމް އިން 1972 އިން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާ، ޚާއްސަކޮށް ޔުނިޓް 8200، އަށް ޖާސޫސީ ތަމްރީނާއި ޓެކްނޮލޮޖީ އަންނަނީ ފޯރުކޮށްދެމުންނެވެ. 2019 އިން ފެށިގެން އިޒްރޭލުގެ އިމިގެރޭޝަންގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް އެހީވެ، އިޒްރޭލުން ފަލަސްޠީނުގެ މީހުންނާއި ތަފާތުކޮށް، ނިކަމެތިކުރުމުގެ ސިޔާސަތުގައި ދަނީ ބައިވެރިވަމުންނެވެ. އެޗްޕީ ވެސް ދަނީ އިޒްރޭލުގެ ޖަލުތަކުގެ ޓެކްނޮލޮޖީ ތަރައްޤީކޮށްދީ ފަލަސްޠީނުގެ ރައްޔިތުން ނުހައްޤުން ޖަލުގައި ބަންދުކޮށް ދެމުންގެންދާ އަނިޔާތަކުގައި ބައިވެރިވެފައެވެ. މައިކްރޯސޮފްޓް އަންނަނީ 1991 އިން ފެށިގެން އިޒްރޭލުގެ ފުލުހުންނަށާއި ޖަލާއި އަދި އަސްކަރިއްޔާއަށް ސައިބަރސެކިއުރިޓީ އާއި ޖާސޫސީ ޓެކްނޮލޮޖީ ފޯރުކޮށްދެމުންނެވެ. ގޫގުލްގެ އަލްފަބެޓް އަދި އެމަޒޯން އިން 1.2 ބިލިއަންގެ ޓެކްނޮލޮޖީ ކޮންޓްރެކްޓެއް 2021 ވަނަ އަހަރު ވަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ އަށް ފުރިހަމަކޮށްދީފައެވެ. އެތަކެއް އަހަރު ކުރިން ފެށިގެން ކެޓަރޕިލާ އިންކް އިން ފަލަސްޠީންގެ ގެދޮރު ސުންނާފަތިކުރުމަށް މެޝިންތައް އަންނަނީ ދެމުންނެވެ. މި ކުންފުނިތަކުގެ އޮފީސްތަކާއި ކާރުހާނާތައް ވެރިވެގަނެފައިވާ ބިންތަކުގައި ބިނާކުރެވިފަވެއެވެ. މީގެ އިތުރުންވެސް އެތަކެއް ކުންފުނިން ބައިވެރިވަމުންދާ ގޮތް ރިޕޯޓުގައި ތަފްޞީލުކޮށް ބަޔާންކުރެވިފާވެއެވެ. ތިޔަ އެންމެހާ ކިޔުންތެރިން ފްރެންސިސްކާ އަލްބަނިސްގެ ރިޕޯޓް ވިދާޅުވެލެއްވުމަށް ދައުވަތު އަރުވަމެވެ.
ރިޕޯޓްގެ ނިންމާލަމުން ލިޔެފާވެއެވެ. ދުނިޔޭގެ މިފަދަ ބޮޑެތި ކުންފުނިތަކުން އެމީހުންނަށް ލިބޭ މާލީ ފަޢިދާއަށް ޓަކައި ފަލަސްޠީނުގައި ހިނގަމުންދާ ޤަތުލުއާންމުގައި ފުރިހަމައަށް ބައިވެރިވަމުންދެއެވެ. މީގެ އިތުރުން މިފަދަ ކުންފުނިތަކުން މިފަދަ ޖަރީމާތަކުގައި ބައިވެރިވަމުން ދަނީ އެއްވެސް ޒިންމާދާރުކުރުވުމެއް ނެތިއެވެ. އެހެންކަމަށް ވާނަމަ، މިފަދަ ކުންފުނިތަކުގެ ހިއްސާގަނެގެން ތިބި ހިއްސާދާރުންނާއި ވަޒީފާގައި ތިބި މީހުންނާއި އަދި ހިންގުންތެރިން ވެސް ޖަރީމާތަކުގައި ބައިވެރިވަނީ ކަމުގައި ބެލުމުގެ ފުރުޞަތު ތަނަވަހެވެ. ރިޕޯޓުގައި އިރުޝާދު ދެވިގެންވާ ކަންކަމުގެ ތެރޭގައި އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ހަތިޔާރާއި ދެބޭނުން (އަސްކަރީ އަދި އާންމު) ހިފޭފަދަ ޓެކްނޮލޮޖީ އާއި މެޝިންފަދަ ވަޞީލަތްތައް ވިއްކުމާއި ދިނުން މުޅިން މަނާކުރުމަށް ގޮވާލެވިފައި ވެއެވެ. މީގެ އިތުރުން ފިޔަފާރިއާއި ވުނަކުރުމުގެ ގުޅުންތައް ކަނޑާލުމާއި އިޒްރޭލުގެ މުދަލާއި ފައިސާ ހިފެހެއްޓުމަށް ގޮވާލެވިފައި ވެއެވެ. ޖަރީމާތަކުގައި ބައިވެރިވާ ބައިނަލްއަގުވާމީ ކުންފުނިތަށް ޒިންމާދާރުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލެވިފާ ވެއެވެ.
ރިޕޯޓް ފެންނާނެ ލިންކް