ޑރ. އިސްމާޢީލް ނިޒާމް

އޯގާތެރި އިޤްޠިޞާދުގެ ނުފެންނަ ހިތް!

ހުޅަނގުގެ އިޤްޠިޞާދީ ޢިލްމީ ފޮތްތަކުގައި ނުފެންނަ އަތެއްގެ ވާހަކަ ބަޔާންވެގެން ވެއެވެ. އެޑަމް ސްމިތަކީ ހުޅަނގު މީހުން އިޤްޠިޞާދީ ޢިލްމުގެ ބައްޕަކަމުގައި ދެކޭ އިޤްޠިޞާދީ ޢިލްމުވެރިޔާއެވެ. ނުފެންނަ އަތުގެ ވާހަކަ އެންމެ ފުރަތަ ބަޔާންވީ 1776 ގައި ޝާއިޢުކުރެވުނު އެޑަމް ސްމިތްގެ ދަ ވެލްތް އޮފް ނޭޝަންސްގައެވެ. މި ނުފެންނަ އަތަކީ ތަކެއްޗާއި ޚިދުމަތުގެ ބާޒާރުގެ އަގެވެ. މިނިވަން ބާޒާރުގައި ތަކެއްޗާއި ޙިދުމަތް ބާޒާރުގައި ލިބެންހުންނަ މިންވަރާއި ބޭނުންވާ މިންވަރު ކަނޑައެޅިގެން ދަނީ މި ނުފެންނަ އަތުން ކަމުގައި އެޑަމް ސްމިތާއި ޒަމާނީ އިޤްޠިޞާދީ މާހިރުން ދެކެއެވެ. އަގަކީ އިޤްޠިޞާދުގެ ތަފާތު ބައިވެރިންގެ ޢަމަލުތައް އޭގެ މައްޗަށް ބިނާވެގެންދާ  އާލާތްކަމުގައި ދެކުމަށް މަގުފަހިވެގެން އައިސްފައިވާ އިޤްޠިޞާދީ ފަލްސަފާތަކާއި ނަޒަރިއްޔާތުތަކުގައި އުނި ކަންތައްތަކެއް ހުރިކަން ފަހުގެ އިޤްޠިޞާދީ މާހިރުން ބަޔާންކުރެއެވެ.

އެހެންކަމުން، މިމަޒުމޫނުގައި ޢިލްމީ ތަހުލީލެއް ކުރުމަށް ގަސްދުކުރަނީ އިސްވެ ބަޔާންކުރެވުނު މައްސަލައިގެ މައްޗަށެވެ. މައްސަލައިގެ ކުރު ބަޔާންކުރުމަކަށް ފަހު މައްސަލައިގެ ހައްލު ބަޔާންކުރެވިގެން ދާނެއެވެ. އަގުތަކަކީ އިޤްޠިޞާދީ ބައިވެރިންގެ ނިޔަތާއި ޢަމަލުތައް ބައްޓަންވެގެންދާ ސަބަބުކަމުގައި ދެކުމުގައި އުނިކަންތަކެއް ހުރިކަމުގެ ގިނަގުނަ ބަޔާންކުރުންތައް އިޤްޠިޞާދީ ޢިލްމީ އަދަބިއްޔާތުގައި ފެންނަން އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އިންސާނުންގެ ތަބީޢަތް ފުރިހަމަޔަށް ދެނެނުގަނެ ބަޔާންކުރެވުނު ފަލްސަފީ ނަޒަރިއްޔާތުތަކެއް ކަމުގައި ބެލުމުގެ ފަހި ފުރުސަތުތައް އެބައޮތެވެ. އިންސާނުންގެ ހިޔާލާތުތަކާއި ނިޔަތާއި ނިންމުންތަކާއި ޢަމަލުތައް ބިނާކުރުމުގައި ޖިސްމާނީ އެދުންތަކުގެ ދައުރު ބޮޑު ނަމަވެސް، ހުރިހާ ހާލަތަކާއި ތެނެއްގައި ޖިސްމާނީ އެދުންތަކުން އުފެދިގެންދާ މާއްދިއްޔަތު އެއީ މަގުދައްކާ ސަމުގަލެއް ނޫނެވެ. އިޤްޠިޞާދީ ޢިލްމު ފެށިގެން ފުޅާވަމުން އައިސްފާ ވަނީ އިންސާނުންގެ އެއްފަޅިއަށް އަމާޒުވެގެންނެވެ. އެއީ އިންސާނުންގެ މާއްދީ އެދުންވެރިކަމެވެ. އެހެންކަމުން، އިންސާނުން އިޤްޠިޞާދީ ނިންމުންތައް ނިންމުމުގައި ތަކެއްޗާއި ޚިދުމަތުގެ އަގު އިސްކުރެއެވެ. މި ފަލްސަފީ ނަޒަރިއްޔާތަކީ މާތް ﷲ އިންސާނާ މި ފަނާވަނިވި ދުނިޔޭގައި ޚަލީފާއެއްކަމުގައި ލެއްވެވި މަތިވެރި މަޤްޞަދުން ކަސިޔާރުވާ ނަޒަރިއްޔާތެކެވެ.

މާއްދިއްޔަތުގެ ފަލްސަފީ ނަޒަރިއްޔާތުގެ ސަބަބުން ވިޔަފާރިތަކާއި ވިޔަފާރިތައް ހިންގާ އިސްވާރުންގެ ޢަމަލުތައް ވަރަށް ގިނަފަހަރު ކަސިޔާރުވެއެވެ. ވިޔަފާރީގެ ހަމައެކަނި މަޤްޞަދަކީ ވީއެންމެ ބޮޑު ނަފާއެއް ހޯދުންކަމުގައި ދެކެއެވެ. ނަތީޖާޔަކީ ހުރިހާ ކަމެއްގެ މައްޗަށް މާއްދީ އެދުން އިސްކުރެވުމެވެ. ކުންފުޏަށާއި ތިބާއަށް އެންމެ ނަފާ ބޮޑު ގޮަތްއެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކުމެވެ. އެގޮތުން ވިޔަފާރީގެ މަސްލަހަތާއި އާންމު މަސްލަހަތު ފުށައަރައެވެ. މިފަދަ ހާލަތުގައި ކުންފުނިތަކުގެ އިސްވާރުން އަބަދުހެން ކުންފުނީގެ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަން ދެއެވެ. އެހެންނަމަވެސް، އެފަދަ އިސްވާރުންނަށް ވެސް އެފަދަ ނިންމުންތަކުގެ އުފައުވެރިކަމުގެ ތަސައްލީއެއް ނުލިބޭކަން ދިރާސާތަކުން ސާބިތުވެއެވެ. މިކަމުން ދޭހަވަނީ އިންސާނީ ފިތުރަތުގައި އިހުގެ އިޤްޠިޞާދީ ފިލޯސޮފަރުންނަށް އަޅައިނުލެވި ގޮސްފައިވާ މުހިތްވު ކަމެއް އޮތްކަމެވެ. އެއީ އިންސާނާގެ ހިތެވެ. ހިތުގެ އިހުސާސްތަކެވެ.

އިންސާނުންގެ ފިތުރަތުގެ ތަބީޢަތުގައި އިޤްޠިޞާދީ ހިޔާލާތާއި ނިޔަތާއި ނިންމުންތަކާއި ޢަމަލުތަކުގައި ހިތުގެ އިހުސާސްތައް ފުޅާ ދައުރެއް އަދާކުރެއެވެ. އިންސާނުންނަކީ މިބިމުގައި މާތް ﷲ ލެއްވެވި ޚަލީފާކަމުން އިންސާނާގެ ނަފްސީ އެދުންތަކުން އޭނާގެ ޢަމަލުތަކަށް މަގުދެއްކުމަށް ބަރޯސާވުން އެއީ އިންސާނުންނަށް އެކަށޭނެ ގޮތެއް ނޫނެވެ. އިންސާނުންނަށް މާތް ﷲ ދެއްވި މަތިވެރި ކަރާމާތްތެރި ދަރަޖައިން އިންސާނުންނަކީ ރަޙުމާންނުވަންތަ، ރަޙީމްވަންތަ މާތް ﷲ ގެ މި ސިފަފުޅުތަކުން ޒީނަތްތެރިވުމުގެ ފިތުރަތުގެ ތަބީޢަތެއް އެކަލާންގެ ލައްވަވާފައިވާ ބައެކެވެ. އިންސާނުން އެއްބަޔަކު އެއްބަޔަކަށް އޯގާތެރިވާން ޖެހެއެވެ. އަޅާލާން ޖެހެއެވެ. ރަހުމާއި ކުލުނުގެ ހިޔާލާތާއި ޢަމަލުތައް އިސްކުރަން ޖެހެއެވެ.

އިންސާނުންގެ އިޤްޠިޞާދީ ނިންމުންތަކާއި ޢަމަލުތަކުގައި މަގުދައްކާ ސަމުގަލަކީ ހަމައެކަނި ”ނުފެންނަ އަތް“ ކަމުގައިހެދުމުގެ އިތުރުން ”ނުފެންނަ ހިތް“ އެއީ މަގުދައްކާ ސަމުގަލަށް ހަދަންޖެހެއެވެ. މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމާއި ކުލުނާއި އަޅާލުމާއި ލޯބި އުފެދި އިތުރުވެގެން ދާނީ އޭރުންނެވެ. ތިބާގެ ޢަމަލުގެ ސަބަބުން ތިބާއަށާއި އެހެންމީހުންނަށް ޙަޤީޤީ އުފާވެރިކަން އިހުސާސްކުރެވޭނީ އޭރުންނެވެ.

އަޅުގަނޑުމެންނެ މުޖުތަމަޢުގެ އަދުގެ ހާލަތައް ނަޒަރު ހިންގާލާ އިރު، ފެނިގެންދަނީ ހާސްކަމާއި އަވަދިނެތުމުގެ މީދާ ރޭހުގައި ޖެހިފައިވާ އިންސާނުންނެވެ. ބައެއްމީހުންނަށް އެމީހުންގެ ވަޒީފާ އަދާކުރާ ތަނުގެ މަސްލަހަތުތަކުން ފިކުރާއި ހިޔާލާތު ދުރުކޮށްލާނެ ފުރުސަތު ނުލިބިގެން އުޅޭތަން ފެނެއެވެ. އަނެއްބަޔަކު ޖިސްމުގެ އެދުންތަކުގެ ޝިކާރައަކަށްވެ އަޅުވެތިވެފައިވާތީ ފެނެއެވެ. އަނެއްބަޔަކު މާއްދީ ފެޝަންތަކުގެ އަޅުންކަމުގާ ވަނީ ވެފައެވެ. ވަރަށް ގިނަ ޒުވާނުންގެ ދުނިޔެއަކީ އެމީހުންގެ ނޭފަތުކުރީގެ ދުރުމިނުގެ ހަނި ހިޔާލާތުގެ ދުނިޔެއެކެވެ. ކުޑަމިސާލެކެވެ. ދާދިފަހުން، އަޅުގަނޑުގެ ވަރަށް ގާތް ބަޔަކު މާލޭގެ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަދަރުން ރާއްޖޭގެ އެތެރޭގެ ވައިގެބަދަރަކަށް ދަތުރެއް ކުރިއެވެ. ފުރާ ދޮރުން މަތިންދާ ބޯއްޓަށް މީހުންގެންދާ ބަހަކަށް އެރިއެވެ. ކިޔުގެ ތަރުތީބުން ގޮސް ބަހައް އެރުނު އިރު ބަހުގެ ހުރިހާ ގޮނޑިތައް ވަނީ ފުރިފައެވެ. އެމީހުންނަކީ ކިހިލީގައި ގެންގުޅޭވަރުގެ ތުއްތުކުދިން ގޮވައިގެން ދަތުރުކުރި ބައެކެވެ. ގޮނޑިތަކުގައި ފޯނުތަކުގެ އިސްކުރީނަށް ގެއްލިފައިތިބި ޤައުމުގެ ޒުވާނުންގެ ތެރެއިން އެއްވެސް ޒުވާނަކަށް އެތަނުން ޅަދަރިމައި އަންހެނަކަށް ގޮނޑި ދިނުމުގެ ހިޔާލެއް ނުކުރެވުނެވެ. އެތަނުން އެކަކު އެ ޒުވާނުންނަށް އިވޭވަރަށް އެވާހަކަ ފާހަގަކޮށްލުމުން ބަލާލުމަށްފަހު ތިބިގޮތަށް ތިއްބެވެ. މި ކުޑަ މިސާލަކީ މުޖުތަމަޢުގެ އާންމު މަންޒަރެއް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ގޭތެރެއަށް ނަޒަރު ހިންގާލަމާތޯއެވެ؟ އަޅުގަނޑުމެންގެ ތުއްތު ދަރިންތައް އެކަނިމާ އެކަނި ޓީވީއާއި ފޯނާއި ޓެބްލެޓްގެ އިސްކުރީނަށް ދޫކުރެވި މައިންނާއި ބަފައިން މަސައްކަތުގެ މަސްޢޫލިއްޔަތުގައި އަވަދިނެތި އުޅޭތަން ފެންނަލެއް ވަކި މަދުތޯއެވެ؟ އަޅުގަނޑުމެންގެ ކާފަމެންނާއި މާމަމެން އަނގައިން ބުނެލާނެ ދަރިޔަކު ނެތި ދުވަސްތަކުން ހަފްތާތަކަށް، ހަފްތާތަކުން މަސްތަކަށް ގުނާލަ ގުނާލަ ތިބެނީ މަދުންތޯއެވެ؟ އަޅުގަނޑުމެން އޯގާތެރި އިޤްޠިޞާދެއް ބިނާކުރަން މަސައްކަތްކުރަން ޖެހެނީ މިފަދަ މައްސަލަތައް ހައްލުކުރާށެވެ. އޯގާތެރި އިޤްޠިޞާދަކީ އަޅުގަނޑުމެންގެ ދުނިޔެވީ އެދުންތަކާއި އުޚުރަވީ އެދުންތައް ފުއްދުމުގައި އެހެން އިންސާނުންނާއި މަޚުލޫގުންނާއި ދުނިޔެއަށް އޯގާތެރިވުމުން އިޤްޠިޞާދީ މުހިއްމު މަޤުޞަދެއްކަމުގައި ހެދުމުގެ އިޤްޠިޞާދީ ފަލްސަފާއެކެވެ. ތިމާވެށީގެ ދެމެހެއްޓެނި ތަރައްޤީއާއި އިޖުތިމާޢީ ދެމެހެއްޓެނި ތަރައްޤީއާއި އަޚުލާޤީ ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރެވޭނީ އޭރުންނެވެ.

އޯތާތެރި އިޤްޠިޞާދެއް ބިނާކުރެވޭނީ އިޤްޠިޞާދީ ޢިލްމުގެ ނަޒަރިއްޔާތުކުގައި އިސްލާމްދީނުގެ އިޤްޠިޞާދީ އަސާސްތައް ހިމެނި، ކިޔަވައިދިނުމުގައި ނުފެންނަ ހިތުގެ މުހިއްމުކަން ވިސްނައިދީގެންނެވެ. އިޤްޠިޞާދީ މަގުޗާޓުތަކާއި ސިޔާސަތުތަކާއި ހަރަކާތްތަކާއި ޕްރޮޖެކްޓުތަކުގައި ނުފެންނަ ހިތުގެ ދައުރު އަދާކުރުމަށް އިސްކަންދީގެންނެވެ.

ނޯޓް: ޑރ. އިސްމާޢިލް ނިޒާމަކީ ދިވެހިރާއްޖެގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލް އަދި އެސް.ޑީ.އެފް.ސީ ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާރމަން އެވެ. ދާމިމީ ވަޒީފާގެ ގޮތުން މަސައްކަތް ކުރަނީ މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ދަށުން ހިނގާ، އިސްލާމިކް ފައިނޭސްގެ ޚާއްސަ ޔުނިވާރސިޓީގެ އެސޯޝިއޭޓް ޕްރޮފެސަރ އެއްގެ މަޤާމުގައެވެ.