އުސްތާޛް ޒަކީ

ވެރިންނަށް ހެޔޮއެދޭ މީހަކު އެމީހުންނަށް ޚުޝާމަދެއް ނުކުރާނެ – ޑރ. މައުރޫފް

ޑރ. މައުރޫފުގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ވަރަށް ތަފުޞީލްކޮށް ލިޔުއްވާފައި ވާގޮތުގައި ގައުމެއްގެ ވެރިކަން އެއްވެސް ބޭފުޅަކާއި ޙަވާލު ކުރެވެނީ ޕާޓީ ކުލަ ފަދަ ކަންތަކަށް ބެލުމެއްނެތި ގައުމުގެ އެންމެހައި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަމާއި އެކު ކަންކަން ހިންގެވުމަށް މަތިކޮށްފާ ކަމަށެވެ.

އެހެންކަމުން ޕާޓީ ވާންޖެހޭނީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ބޭނުންކުރެވޭ ފާލަމެއް ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު އެބޭފުޅަކީ ވަކި ޕާޓީއެއްގެ ރައީސެއް ނޫންކަމަށާ މުޅި ގައުމުގެ ރައީސްކަމަށެވެ. އެބޭފުޅެއްގެ ބަސްމަގާއި ޢަމަލުފުޅުތައް ވެސް ހުންނާން ޖެހޭނީ އެގޮތަށް ކަމަށެވެ. އެގޮތަށް ކަންތައް ބެހެއްޓެވުމަކީ އެބޭފުޅެއްގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. އެފަދަ ވާޖިބެއް އަދާކުރެއްވީތީ އެންމެން އެއް އަޑަކުން އެބޭފުޅަކަށް ސަނާ ކިޔައި ޚުޝާމަދުކުރުމަކީ ކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ކުރުން ރަނގަޅު ކަމެއްވެސް ނޫންކަމަށާއި ޢާންމުގޮތެއްގައި ވެރިންނަށް ޚުޝާމަދުކުރާ ގިނަ މީހުން އެކަން ކުރަނީ ވެރިންނަށް “ވައި އަޅުވައިގެން” އެމީހުންގެ އަމިއްލަ އެދުން ތަކެއް ޙާސިލްކުރުމަށް ކަމަށެވެ. އެއީ ވެރިންނަށް ތިމާމެން އޮޅި، މަގުގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އެފަދަ ދެފުއް ދެގޮތް މީހުންކަަމަށެވެ.

ޑރ. މައުރޫފް އިތުރަށް ވިދާޅުވެފައި ވަނީ އެފަދައިން ޚުޝާމަދުކުރާ ގިނަ ބޭފުޅުންނަށް ވުރެ މާގާތުން ވާނީ މިހާރުގެ ރައީސް ޑރ. މުޢިއްޒު އާއި މަގުމަތީގެ ވިޖިލާންޓިޒަމްގެ ޙާދިސާއެއް ކުރިމަތިވެވަޑައިގެންފައިވާ ޝައިޚު ޢިމްރާން އާއި އެކު މަސައްކަތް ކޮށްފާ ކަމަށެވެ. އެތައް އަހަރެއް ވަންދެން އެކުގައި މަސައްކަތްކޮށް، އެކުގައި ދަތުރުކޮށް، އެކުގައި ކައިބޮއެ، އެކުގައި ނަމާދުކޮށް އެކުގައި ދުޢާކޮށް ހަދާފާ ކަމަށެވެ. އަދި އެކުގައި ބޮޑެތި ނުރައްކާތަކާ ވެސް ކުރިމަތި ލައްވާފާ ކަމަށެވެ. ސިޔާސީ ތަފާތާއި ޒަމާނާއި ވަގުތުގެ އާފާތްތަކުގެ ސަބަބުން ދެބޭފުޅުން ދުރުވުމުގެ ކުރިން މިދެބޭފުޅުންގެ ކިބައިގައި ހުރި އިސްލާމީ އުޚުއްވަތްތެރި ކަމާއި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އެހީތެރިވެދެއްވާފައިވާ މިންވަރާއި، ހުރި ގިނަ ރަނގަޅު ސިފަތަކާއި، އިންސާނުންނަށް ވީތީ ނުހުރެ ނުދާނެ ބައެއް އުނި ކަންތައްވެސް ވަނީ އެތައް އަހަރަކު ދެކެ ތަޖުރިބާ ކޮށްފާ ކަމަށެވެ. ޢަދާލަތުގެ އިސް އެހެން ބޭފުޅުންނެކޭ އެއްގޮތަށް އެދެބޭފުޅުންނަކީ ވެސް ދީނާއި ގައުމު ދެކެ ލޯބިވާ ދެ ބޭފުޅުންކަމަށެވެ. ޑރ. މުޢިއްޒަކީ ހިންގުންތެރި، މަޑުމައިތިރި ބޭފުޅެއް ކަމަށާއި، ޝައިޚު ޢިމްރާނަކީ ހިތްހެޔޮ، ހިތްމަތްތެރި ބޭފުޅެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ސިޔާސީ މިސްރާބު ކަނޑައެޅިގެން ދިޔަގޮތުގެ ވަރަށް އިސް ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކީ ޝައިޚު ޢިމްރާންކަމީ އެބޭފުޅާ ވަރަށް ކާރިން ދެކެފައިވާ ޙަގީގަތެއް ކަމަށެވެ. އެއްވެސް އިންސާނަކީ މުޅިން މަޢުޞޫމް މީހެއް ނޫންކަމަށާއި ސިޔާސީގޮތުން ނަންގަވާފައިވާ ހުރިހާ މަޥްގިފްތައް ރަނގަޅޭ ދަންނަވަން ބޭނުންފުޅު ނުވާކަމަށެވެ. ރާއްޖޭގެ މައި ސިޔާސީ ދެ ފިކުރުގެ ބައެއް މީހުން ޝައިޚު ޢިމްރާން ދެކެ ނަފްރަތުކުރަނީ އެދެކުލައިގެ ބޭފުޅުން ތާއީދު ކުރައްވާ ދެވެރިކަން ވެސް ވެއްޓިގެންދިއުމުގައި އެކްޓިވިސްޓް ސިޔާސީ ލީޑަރެއްގެ ޙައިސިއްޔަތުން ޝައިޚު ޢިމްރާން އަދާކުރައްވާފައިވާ ދައުރުގެ ސަބަބުން ކަމަށެވެ. އަދި ފެށުނީއްސުރެ ބައެެއް ބޭފުޅުން ޝައިޚު ޢިމްރާން ދެކެ ނަފްރަތު ކުރަނީ މާބޮޑު ޙައްގަކާއިނުލާ ސިޔާސީ ޢަޞަބިއްޔަތުގެ ސަބަބުން ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތްޕުޅުގެ ބިންގާ އެޅިގެންދިޔައީ ޢަދާލަތުގެ ދީނީ އަދި ވަޠަނީ މާޙައުލުގެ ތެރޭގައި ކަމަށާއި ޢަދާލަތުގެ ހިންގުންތެރި އަމީން ޢާންމުގެ ގޮތުގައި އުޅުއްވި ދުވަސްވަރުގައި ކަމަށެވެ. ޢަދާލަތުގެ ފަރާތުން ހައުސިންގ މިނިސްޓަރުކަމުގައި ސަރުކާރަށް ވެންނެވި ކަމަށާއި އޭރު ޢަދާލަތު ހިނގަމުން ދިޔައީ ޝައިޚު ޢިމްރާންގެ ޤިޔާދަތުގެ ދަށުން ކަމަށެވެ. ޢަދާލަތުގެ ފަރާތުން ސިޔާސީ ވަޒީފާތަކަށް ތަޢާރަފް ކުރެއްވި މަގާމްތަކަށް ވަޑައިގެންނެވި އެހެން ބައެއް ބޭފުޅުންގެ ތެރޭގައި ޢަދާލަތުގެ އެއް މުވައްސިސް ކަމުގައިވާ އަޚު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާއި، މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި، މިހާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޢަބްދުﷲ މުއްޠަލިބު ފަަދަ އެތައް އެތައް އަޚުންނެއް ހިމެނޭކަމަށެވެ.

ޑރ. މައުރޫފް ވާނީ ޝައިޚު ޙުސެން ރަޝީދު އަޙުމަދުގެ އަރިހުގައި އަދި ފަހުން ޝައިޚު ޢިމްރާންގެ ނާއިބުގެ ގޮތުގައި 10 ވަރަކަށް އަހަރު މަސައްކަތް ކޮށްފައި ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންތައް ފުރޮޅިގެން ދިޔަގޮތް ވަނީ ވަރަށް ގާތުން ދެކެ ތަޖުރިބާ ކޮށްފައި ކަމަށެވެ. ޢަދާލަތުގެ މަޝްވަރާ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ފެށެނީ ދީނީ ޢިލްމު ވެރިއެއްގެ ނަސޭޙަތުގެ ވާހަކަ ކޮޅަކުން ކަމަށާއި، ކުރިއަށް ގޮސްފައި ވަނީ ވަރަށް އުޚުއްވަތްތެރި މާޙައުލެއްގައި ކަމަށެވެ. އެ އަޚުވަންތަ ކަމަކީ ސިޔާސީ ތަފާތުތަކާއި ވާދަވެރިކަމަށް ވުރެ ވަރުގަދަ ކަމެެއް ކަމުގައި ދެކޭކަމަށެވެ. މިކަންތައް އޮތީ މިހެންކަމުގައި ވިޔަސް ކުރިން ނަންގަނެވުނު އެެއްވެސް ބޭފުޅަކީ ސިޔާސީ ދާއިރާ ދޫކޮށްލި ފަހުން ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގުޅައި ވާހަކަ ދެއްކެވި ބޭފުޅުން ނޫންކަމަށެވެ. އެއީ މުނާސަބަތެއްގައި މެސެޖެއް ކޮށްލުން ފިޔަވާ ކަމަށެވެ. މިއިން އެއްވެސް ބޭފުޅަކަށް ޚުޝާމަދުކޮށް ވައިއަޅުވަން ޖެހޭ އެއްވެސް ސަބަބެއް އެބޭފުޅާގެ ނެތްކަމަށެވެ. ނަމަވެސް، މި ބޭބޭފުޅުންގެ ހުރި އުނިކަންތަކާއި އެކުވެސް ނުޙައްގު މިންވަރަށް، އިހާނެތިކޮށް އެއިން އެއްވެސް ބޭފުޅަކާއި މެދު ޢަމަލު ކުރެވޭ ނަމަ އެކަން ތަޙައްމަލުކުރައްވަން އުނދަގޫ ވާކަމަށެވެ.

ޑރ. މައުރޫފް ވަނީ ތުރުކީގައި ވެރިކަންކުރާ އޭ.ކޭ ޕާޓީގެ އިސް ވެރިންނާއި ބައްދަލު ކުރުމަށް ލިބުނު ދަޢުވަތަކަށް ޢަދާލަތުޕާޓީގެ އިސް ތިން މީހުންގެ ޙައިސިއްޔަތުން ޝައިޚު ޢިމްރާން އާއި ޑރ. މުޢިއްޒު އާއި ތިން ބޭފުޅުން ތުރުކީގެ އަންކާރާ އަށް 2011 ގައި ކުރި ދަތުރެއްގެ ބައެެއް ހަނދާންތައް ޙިއްސާކުރައްވާފައެވެ.

© 2023 milauthuru. All rights reserved.