މިލައުތުރު

މޯލްޑިވްސް ވޭވް ފިހާރައިން ހިންގި ސްކޭމް 50 މިލިޔަން ރުފިޔާއަށް އަރާ!

އަމިއްލަ ގަޑި ބްރޭންޑެއްގެ ނަމުގައި ފިޔަފާރިކުރަން ފެށި ޗާނދަނީ ސުޖާއުގެ ދަރިފުޅު ޒާޖީ ސުޖާއު ވަނީ މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން 50 މިލިޔަނަށް ވުރެ ގިނަ ފައިސާ ފޭރިގެންފައި ކަމަށް ތަޙުޤީޤަށް ހާމަވެއްޖެއެވެ.

ޒާޖީގެ މަކަރުވެރިކަމުގެ ދަލުގައި 250 އަށް ވުރެ ގިނަ މީހުން ޖެހިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެތެރޭގައި ގިނައީ ކާރު ގަތުމަށް ފައިސާ ދެއްކި ފަރާތްތައްކަމަށް ވެއެވެ. މޯލްޑިވްސް ވޭވްގެ ދަށުން ހިންގާ މެގަޓްރޯން މޮޓޯސް ވެދުވެރިކޮށް ކާރު އިމްޕޯޓްކޮށް، ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ލައްކައިން އަނެއްބައި މީހުންގެ އަތުން މިލިޔަނުން ފައިސާ ނަގާފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

މެގަޓްރޯން މޮޓޯސްއިން ކާރު ވިއްކަނީ މާލޭ ޒޯނަށް ރަޖިސްޓަރީ ކޮށްދިނުމާ ވެސް އެކުގައި ކަމަށް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެމީހުންގެ އަތްދަށުވެފައެވެ. މަދު މީހަކަށް ނޫނީ ކާރު ލިބިފައެެއް ނުވެއެވެ. އަދި ކާރު ލިބުނު މީހަކަށް ވެސް ރަޖިސްޓަރީ ކޮށްދީފައެއް ނުވެއެވެ.

އެންމެ ފަހުން މައްސަލަ ހޫނުވެ ބަޔަކު މީހުން ވަނީ ޒާޖީއަށް ޙަމަލާދީ ހޭނައްތާލާފައި ކަމަށް ވެސް ވެއެވެ. އަަދި އެކަމާ ބިރުން އާއިލާގެ ފަރާތުން ސިއްރިޔާތުގައި ވަނީ އޭނާ ސިންގައްޕޫރަށް ފުރުވާލާފައި ކަމަށް ވެއެވެ. އަދި މަޝްރަޙް ފިނިކުރަން ސީދާ ޗާންދަނީ ސުޖާއު ކަސްޓަމަރުންނާ ބައްދަލުކޮށް 8 މަސްދުވަހުގެ ތެރޭގައި ގެއްލިފައިވާ ފައިސާ އަނބުރާ ދޭނެކަމަށް ބުނެ މީހުންގެ ނަންބަރުތައް ނޯޓުކުރިކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

މޯލްޑިވްސް ވޭވްގެ ސްކޭމްގައި ގެއްލުން ލިބުނު ފަރާތެއް ނަން ހާމަނުކުރުމަށް އެދި މިލައުތުރަށް މަޢުލޫމާތު ދެމުން ބުނީ ޚުދު ޗާނދަނީ ސުޖާއު ވެސް ބައްދަލުކޮށް ބިރުދައްކަން މަސައްކަތް ކުރި ކަމަށާއި، ބައްދަލުވުމަށް އައީ ގޭންގްސްޓާރުން ހިމެނޭ ބޮޑު ގްރޫޕެއް ގޮވައިގެން ކަމަށެވެ. އަދި ބައްދަލުކުރުމަށް ފަހު ވަޢުދުވީ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ފޯނުވެސް ނުނަގާކަމަށެވެ.

މި މައްސަލަ މިހާރު ފުލުން ގެންދަނީ ތަޙުޤީޤު ކުރައްވަމުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

© 2023 milauthuru. All rights reserved.