person using MacBook Pro

މިލައުތުރު

ތަފާތު ދާއިރާތަކުގެ ހުނަރުވެރި ޚިދުމަތްތެރީން ބާކީކޮށް ނާޤާބިލް މީހުން މަޤާމުތަކަށް މަތިކުރުން ރަނގަޅު ހެއްޔެވެ؟

ދިވެހިރާއްޖެ އަކީ ކުޑަ އަދި މީސްކޮޅު މަދު ޤައުމެއް ކަމުގައި ވިޔަސް ދިވެހީންގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުގެ ނުހަނު ހުނަރުވެރި، ފަންނުވެރި މީހުން ތިބިކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމާ ހުނަރު ލިބިގެން ތިބި ދިވެހި ދަރީން މިހާރަކު މަދެއް ނޫނެވެ. ދިވެހި މައިންނާ ބަފައިންނަކީ އެބައިމީހުންގެ ދަރިންނަށް ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް ނުހަނު ޤުރުބާންވާ ބައެކެވެ. އެބައިމީހުންނަށް ލިބޭވަރުންނާއި ނުލިބޭވަރުން ވެސް ހޭދަކޮށްގެންނެވެ. އެހެން ނަމަވެސް ހިތާމައަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެއީ އަގެއް ހުރި އެއްޗަކަށް ނުވާކަމެވެ. ހަމަ އެކަނި ސިޔާސީ މަޤާމުތަކެއް ނޫނެވެ. ފަންނީ މަޤާމުތަކަށް ވެސް ފަންނީ ޤާބިލް މީހުން ނެގުމުގެ ބަދަލުގައި ސިޔާސީ މަޤުޞަދުތަކަށްޓަކައި ވަޒީފާތައް ބަހާލަނީއެވެ. މަޤާމުގެ އެންމެ އަސާސީ ޝަރުތުތައް ހަމަވޭތޯ ނޫންތޯ ވެސް ބަލައިލުމެއް ނެތިއެވެ. ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތްތާ ޙަރާމެއް ޙަލާލެއް ވެސް ބަލައިލުމެއް ނެތިއެވެ.

ސިޔާސީ ނުފޫޒެއްގެ މުށުތެރެއިން ނޫންގޮތަކަށް ސަރުކާރުގެ ވަޒީފާއެއް ލިބުމަކީ މިހާރު ވަރަށް ނާދިރުކަމެކެވެ. އެންމެ ކުޑަމިނުން ތަންތަނުގެ މަސައްކަތު މީހުންގެ މަޤާމު ވެސް ލިބެނީ އެފަދަ ނުފޫޒެއްގެ ތެރެއިންކަމީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެކެވެ. ޙައްޤު ނޫން ގޮތެއްގައި ލިބޭ ވަޒީފާއެއް ކަން އެނގި ތިބެ، އެފަދަ ވަޒީފާތައް ހޯދަނީ ވަރަށް ފަޚުރުވެރިކަމާ އެކުގައެވެ. އަދި ޙައްޤު ނޫން ގޮތެއްގައި ހޯދާ ވަޒީފާއަކުން ލިބޭ ޢާމްދަނީއެއް ވެސް ޙަލާލު ނުވާނެކަން ވެސް އެނގި ތިބެ އަނބި ދަރީންނަށް ކާންދެނީ ވެސް އެއްވެސް ޖެހިލުމެއް ނެތިއެވެ. އަދި އެއީ ކޮންމެވެސް އެހެން މީހެއްގެ ޙައްޤެއްކަން ވެސް ހަމަ ރަނގަޅަށް އެނގި ތިބެމެއެވެ.

ދެން އޮތީ އަނެއް ވާހަކައެވެ. މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބު ތަކުގެ ދުވަސްވަރަކީ ވަޒީފާތައް އެކި ދިމަ ދިމާލުން ވިހާ މޫސުމެކެވެ. އެތައް ޒަމާނެއް ވަންދެން މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިބި މީހުންނަށް ވަޒީފާގެ ކުރިއެރުމެއް، މުސާރައިގެ ކުރިއެރުމެއް، އިތުރު ގަޑީ ފައިސާކޮޅު ޤުރުބާކޮށްލާފައި ވިޔަސް ވަރިހަމައެވެ. މިއީ ކޮން ފަދަ ބޮޑު ނުބައެއްގެ ފެށުމެއް ބާއެވެ.

© 2023 milauthuru. All rights reserved.