ފަލަސްޠީނުގެ ޣައްޒާގައި ޢުދުވާނުތައް ހިންގަމުން ގެންދާ ޔަހޫދީ ސިފައިންގެ ލަޝްކަރަށް އަމާޒުކޮށް ލުބުނާނުގެ ޙިޒްބު ﷲ ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކެއްގައި އިޒްރޭލް ސިފައިންތަކެއް މަރާލައިފިއެވެ.
އިޒްރޭލްގެ ހައްދު ފަހަނައެޅި ނިރުބަވެރި ސިފައިން ރަފަހް މަގު ބަންދުކޮށްގެން އިންސާނީ އެހީތެރިކަމެއް ވެސް ޣައްޒާއަށް އެތެރެކުރުން މަނާކޮށްގެން ހިންގާ ޤަތުލްޢާންމުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށް ހަނގުރާމަވަރިން ގެންދަނީ ބުނަމުންނެވެ. އަދި ހަނގުރާމައަށް 200 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ބައިލައްކައަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ލައްކަ ބައެއްގެ ގެދޮރު ވަނީ ބިމާ ހަމަކޮށްލާފައެވެ.
ޔަހޫދީ ނިރުބަވެރި ސިފައިން ރަފަހަށް އަރާ ޙަމަލާދޭން ފެށުމުން ހަމާސް ޖަމާޢަތުން ވެސް ގެންދަނީ އެމީހުންގެ ވަޠަންގެ ދިފާޢުގައި ޙަމަލާތައް އިތުރުކުރަމުންނެވެ. ކުއްލި ކުއްލިއަށް ދޭ އެފަދަ ޙަމަލާތަކުގައި ޔަހޫދީން ސިފައިންނާއި، ހަތިޔާރު އެޅި އުޅަނދުތައް ވަނީ ނައްތާލާފައެވެ. ޔަހޫދީންނަށް އަދިވެސް ހަމާސްގެ ބާރު ކަނޑުވައެއް ނުލެވެއެވެ. ބައެއް ސަރަޙައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އަދިވެސް ހަމާސް މުޖާހިދުންގެ އަތުގައެވެ.