ހެލިކޮޕްޓަރު ޙާދިސާގައި އިރާންގެ ރައީސް ރައިސީ އަވަހާރަވެއްޖެކަން އީރާންގެ ދައުލަތުގެ މީޑިޔާއިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި ރައިސީގެ އިތުރުން އެޤައުމުގެ ޚާރިޖީ ވަޒީރާއި، ބައެއް އެހެން އިސްވެރިންނާއި، ސެކިއުރިޓީ ގާޑުން ހިމެނޭގޮތަށް ހެލިކޮޕްޓަރުން ދަތުރުކުރި ނުވަ މީހުން ވެސް ވަނީ ނިޔާވެފައެވެ.
އިއްޔެ އަކީ މުޅި އިސްލާމީ ދުނިޔެއަށް ކަޅު އަނދިރި ދުވަހެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަމުން ގެންދާއިރު، އަނެއްބައި މީހުން އުޅެނީ އެއީ އިސްލާމުންތޯ ކާފަރުންތޯ ކުރެވޭ ބޮޑު ބަހުސެއްގައެވެ. އަދި އެމީހުން ދައުވާކުރާ ގޮތުގައި އެޙާދިސާގައި ނިޔާވި ފަރާތްތަކަށް ތަޢުޒިޔާކިޔާ ހެޔޮ ދުޢާކުރުމެއް މުސްލިމުންނަކަށް ހުއްދައެއް ނުވާނެއެވެ. އަދި އީރާންގެ ރައީސް އަވަހާރުވުމުގެ ހިތާމައިގާ ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމާ ވެސް އެމީހުން މުޅުން ދެކޮޅެވެ. އަދި އެމީހުން ބުނާގޮތުގައި ޝިޔަޢީންނަކީ ޔަހޫދީންނަށް ވުރެ ވެސް ނުބައި ބައެކެވެ.
މިބަހުސްގެ ތެރެއަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވެސް ވެދެވަޑައިގެންފައި ވެއެވެ. އެގޮތުން ޝައިޚް ފަޟްލޫން މުޙައްމަދު ފަދަ ބޭކަލުން ޝިޔަޢީންނަކީ މުސްލިމުން ނޫންކަމަށާއި، މުސްލިމުންގެ ޢަދާވާތްތެރިންގެ ގޮތުގައި ފަތުވާތައް ދެއްވާފައި ވެއެވެ. އަދި އެފަދައިން ވަކާލާތުކުރާ ފަރާތްތަކުން ދަޢުވާކުރާ ގޮތުގައި އެމީހުންނަށް ހެޔޮ ދުޢާކުރުން ވެސް މުސްލިމުންނަށް ހުއްދަ ނުވާނެކަމަށެވެ. މިފަދަ ޕޯސްޓްތައް ފޭސްބުކްގައި ގިނަވަމުންދާ ދަނޑިވަޅެއްގައި ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ފޭސްބުކްގައި ލިޔުއްވާފައި ވަނީ “ ޝިޔަޢީންނަކީ މުސްލިމުންނެވެ. އެބައިމީހުން އަޅުގަނޑުމެން ފަދައިން އީމާންކަމުގެ ކުރުންތައް ޤަބޫލުކުރެއެވެ. ނަމާދުކޮށް ރޯދަހިފައި ޙައްޖުވެ ޒަކާތް ދެއެެވެ.“ މިހެންނެވެ.
އީރާންގެ ޤާނޫނު އަސާސީގައި ވާގޮތުން ދެވަނައަށް ދައުލަތުގެ އެންމެ އިސް ފަރާތަކީ ރޫޙާނީ ލީޑަރު އާޔަތު ﷲ ޚާމަނާއީ އެވެ. އަދި ދެެވަނައަށް އެންމެ އިސް ފަރާތަކީ ރައީސްއެވެ. އަދި ތިންވަނައަށް އެންމެ އިސް ފަރާތަކީ އެއްވަނަ ނައިބު ރައީސްއެވެ. އެހެންކަމުން ރައީސް އަވަހާރަވުމާއި ގުޅިގެން ރޫޙާނީ ލީޑަރުގެ ރުހުމާއެކު ނައިބު ރައީސް ވަނީ ވަގުތީގޮތުން ސަރުކާރު އިންގެވުމާއި ޙަވާލުވެވަޑައިގެންފައެވެ. އަދި ޤާނޫނު އަސާސީގައި ބުނާގޮތުން 50 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައި ރިޔާސަތަށް ބޭފުޅަކު އިންތިޚާބު ކުރައްވަން ޖެހޭނެއެވެ.