ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިސާބު ޓީޗަރުގެ ނަމުން ނަންދެވިފައިވާ އަބްދުއްރަހީމް ޢަބްދު ﷲ އަށް ތަފާތު ގޮތްގޮތަށް މަލާމާތްކޮށް ފުރައްސާރަަ ކުރަމުންދަނިކޮށް އަރާ ބޮންތީގައި ހިފާލައިފިއެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް އިންތިޚާބުކުރެއްވުމަށް މިއަދު ފާސްކުރެއްވުމުން އެމަނިކުފާނުގެ ނަންފުޅު ތާރީޚްގައި ލިޔެވިގެންދާނެއެވެ.
އެކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލިއާގޭގައި މިއަދު ވަޒީރުންގެ މަޖިލިސް މެންބަރުންނާއި، ރައްޔިތުންގެ މަޖިލިސްއަށް އަލަށް އިންތިޚާބުވި މެންބަރުންނާއި އެކު ބޭއްވެވި ބައްދަލުވުމެއްގެ ހަވާސާގައެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް ފޮނަދޫ ދާއިރާއަށް އިންތިޚާބުވެފައިވާ އަބްދުއްރަހީމް ޢަބްދު ﷲ (އަދުރޭ) އަދި މަޖިލިސްގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިއްގަރު ދާއިރާއަށް އިންތިޚާބުވެފައިވާ އަޙްމަދު ނާޒިމް (ޖަނގިޔާ ނާޒިިމް) އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުމަށް ނިންމަވާފައި ވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އެތުރިފައިވާ ގޮތަށް ބަލާއިރު ޖުމްލަ 93 މެންބަރުންގެ ތެރެއިން 76 މެންބަރުންނަކީ ސަރުކާރު ޙިއްސާވާ އިއްތިހާދުގެ މެންބަރުންނެވެ. އެހެންކަމުން މިއީ މިހާތަނަށް ސަރުކާރަކަށް ލިބޭ އެންމެ ބޮޑު ސުޕަރ މެޖޯރިޓީ ކަމުގައި ވެގެންދާނެއެވެ. އައު މަޖިލިސްއަށް މެންބަރުން ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު މަޖިލިސްގެ ރައީސް އާއި ނައިބު ރައީސް ވެސް އިންތިޚާބު ކުރެވޭނެއެވެ.