view of abandoned house

މިލައުތުރު

ދިވެހީންނަށް މިހާރު ކޮންމެގޮތެއް ވެސް ވަރިހަމަ ވީތޯއެވެ.

މީގެ ކުރިޔާ ޚިލާފަށް މިހާރަކަށް އައިސް މީހުންގެ ވިސްނުން ހުންނަ ގޮތަކީ އެއިރެއްގައި ބާރުވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާނީ އެބަޔަކަށް މޮޅުގޮތް ގޮތަށް ކަމަށާއި، އެއީ އެހެން ބަޔަކާ ބެހޭ ކަމެއް ނޫންކަމަށް ފާޅުގައި ބުނާން ފަށައިފިއެވެ.

ޙަޤީޤަތުގައި ވެސް ދިވެހީންނަށް މިހާރު ކޮންމެގޮތެއް ވެސް ހަމަ ވަރިހަމަ ވީހެއްޔެވެ؟ މިކަމަށް ދަލާލަތު ކޮށްދޭ ވަރަށް ގިނަ ހެކިތަކާއި ކަންކަން މިހާރަކަށް އައިސް ފެންނަމުން އެބަދެއެވެ. ސިޔާސީ ނާޗަރަންގީ ކުޅުމުގައި ބައެއް މީހުން ހައްދު ފަހަނައަޅާ ދަނީ ވެސް މަދެއްކޮށެއް ނޫނެވެ. ދިވެހި ޤައުމާއި ޤައުމިއްޔަތާ ދިމާ އިދިކީލިކޮށް ވިޔަސް ފަރުވާލެއް ނެތެވެ. އަދި އެފަދަ ކަމަކާއި ދެކޮޅަށް ބަހެއް ބުނާ ކޮންމެ މީހަކީ މުޖުތަމަޢުގައި ބާކީ ކޮށްލަންޖެހޭ މީހަކަށް ވަނީ ވެފައެވެ. ތަޢުލީމާ ތަރުބިއްޔަތުގެ އަގެއް ނެތްތާކު އެފަދަ ޚުލްޤެއް ހުރެއްޖެ ނަމަ އަގެއް ހުރިކަމަކަށް ނުވެއެވެ.

ދައުލަތުގެ މަތީ މަޤާމުތަކަށް އައްޔަނުކުރެވޭ މީހުންނަކީ ވެސް އެއްވެސް ތަޢުލީމެއް ރިވެތި އަޚުލާޤެއް ހުރި މީހަކަށް ވުމަކީ މިހާރު ދެވަނަ ދަރަޖައިން ނެއްޓި ތިންވަނަ ދަރަޖައިގެ ކަމަކަށް ވެއްޖެއެވެ. ސިޔާސީ ކޯޅުންތަކުގައި މަގުމަތީ ހޯއްގޮވާ އަވަގުރާނަ ގިނައިން ގޮވި ވަރަކަށް އެމީހެއްގެ ޤަދަރު އުފުލި ކާމިޔާބީ އާއި ކުރިއެރުންތައް ލިބޭ ޒަމާނެއް ފެށިއްޖެއެވެ.

ވަޒީރުންގެ މަޖިލިސްއަށް އައްޔަނުކުރެވޭ މީހަކީ ރައްޔިތުން ބަލައިގަންނަ މީހަކަށް ވާން ނުޖެހޭތާ އައިބު ފިލާވަރުގެ މީހަކަށް ނުވިޔަސް އެންމެ ރަނގަޅު ވެއްޖެއެވެ. ވެރިކަމަށް އިންތިޚާބު ކުރަނީ ރައްޔިތުން ކަމުގައި ވިޔަސް އިންތިޚާބު ވުމަށް ފަހު ދެން ކަންކުރާންޖެހޭ ގޮތް ރައްޔިތުންނަށް ނުބުނެވޭނެކަމަށް ވަކާލާތުކުރާ ޒަމާނެއް އައީ ހެއްޔެވެ؟ އެއީ ޤައުމިއްޔަތުގެ ރޫޙް ކަމުގައި ބަލައިގަތީ ތޯއެވެ؟ ނުވަތަ ދިވެހީންނަށް ހަމަ ކޮންމެގޮތެއް ވެސް މިހާރު ވަރިހަމަ ވީތޯއެވެ.