މިލައުތުރު

20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށް – މެންބަރުން

19 ވަނަ މަޖިލިސްގެ މުއްދަތު ހަމަވެ 20 ވަނަ މަޖިލިސްއަށް އިންތިޚާބުވި ޢިއްޒަތްތެރި މެންބަރުން 20 މެއި 2024 ވަނަ ދުވަހު ވަނީ އެބޭފުޅުންގެ މަޤާމުގެ ހުވާކުރައްވާފައެވެ. ގިނަ މެންބަރުންގެ ޝުޢޫރުތަކަށް ބަލާއިރު، މިފެށުނު މަޖިލިސް ދައުރު ވެގެންދާނީ ނަތީޖާ ޙާޞިލްކުރައްވާ ނަމޫނާ ދައުރަކަށެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލިސްގައި ފެނިގެން ގޮސްފައި ވަނީ ހަމަނުޖެހުންތަކާއި، ޖެއްސުންކުރުމާއި، ތަޅާފޮޅުމާއި، އަޚުލާޤީ ގޮތުން ރައްޔިތުން ބަލައިނުގަންނަ ޢާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ކަންތައްތަކެއް ފެނުން ތަނެއްގެ ގޮތުގައެވެ. ހުތުރު ބަސްތަކުން މުޚާތަބުކުރުމާއި، މަލާމާތާ ފުރައްސާރަ ކުރުން ގިނަތަނެއްގެ ގޮތުގައެވެ. އަމިއްލަ މަސްލަޙަތުގައި ބަހުސްކުރާ ތަނެއްގެ ގޮތުގައެވެ.

އިއްޔެގައި މެންބަރުން މަޤާމުގެ ހުވާކުރެއްވުމަށް ފަހު، ރައްޔިތުންނަށް ދެއްވީ އުންމީދާ އުފާވެރި ޚަބަރުތަކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ކިލަނބުވެފައިވާ ތަޞައްވުރު ބަދަލުކޮށްލައްވާނެ ވާހަކައެވެ. ނަމޫނާ މަޖިލިހަކަށް މަޖިލިސް ހައްދަވާނެ ވާހަކައާ ނަތީޖާ ޙާޞިލްކުރައްވާނެ ވާހަކައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތަށް އިންތިޚާބުވެފައި ވަނީ ރައީސްގެ މަޤާމަށް ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުއްރަހީމް ޢަބްދު ﷲ އާއި ނައިބު ރައީސްގެ މަޤާމަށް ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޒިމްއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް އަކީ 93 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލިހެކެވެ.