އުމުރުން 28 އަހަރުގެ ޒުވާން ސައްދާމް ޙުސައިން އަކީ ފ. ފީއަލީގައި މަސައްކަތް ކުރަމުން ދިޔަ ބަނގުލަދޭޝްގެ ރައްޔިތެކެވެ. ފާނަމަސްވެރިކަމުގައި މޫދުގައި އޮއްވައި އދ. މާމިނގިލިން ފުރައިގެން ދަތުރުކުރި ލޯންޗެއް އޭނާގެ ގައިމަތިންލާފައި ދިއުމުގެ ސަބަބުން ވަނީ ނިޔާވެފައެވެ.
ސައްދާމްގެ ހިތްހެޔޮކަމާ ރިވެތި އަޚުލާޤުގެ ސަބަބުން އޭނާ ވެފައި ވަނީ ރަށުގެ ކުޑި ބޮޑު އެންމެންގެ ލޯބި ލިބިފައިވާ މީހަކަށެވެ. އެރަށު މީހުން ދެކޭގޮތުގައި ސައްދާމަކީ ފީއަލީގެ ރައްޔިތެއް ފަދަ މީހެކެވެ. ނުދަންނަ މީހެއް ވާހަކަނުދައްކާ މީހެއް ނުހުންނަ ކަމަށް ވެއެވެ. ކޮންމެ އުމުރު ފުރައެއްގެ މީހެއް ފެނުނަސް ގޮވާލާ އަދަބު އިޙްތިރާމާއެކު މުޚާތަބުކުރާ ކަމަށް ވެއެވެ. އެހެން ކަމުން ފީއަލީގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙްތިރާމް ކުރެއެވެ.
ދީނީ ކަންކަމަށް ވަރަށް ފަރުވާތެރި ނަމޫނާ ޒުވާނެކެވެ. ފަސްވަގުތު ނަމާދުކޮށް ޤުރުއާން ކިޔެވުމަށް އޭނާ ޚާއްސަ ސަމާލުކަމެއް ދެއެވެ. މިފަދަ ސަބަބުތަކަށްޓަކައި އޭނާއަކީ މީހުން ލޯބިވާ މީހެކެވެ. ސައްދާމް އަކީ 3 ކުދިންގެ ބައްޕައެކެވެ. އެގޮތުން 18 އަހަރު ނުވާ ތިން ކުދިންގެ ތެރޭގައި އެންމެ 4 މަހުގެ ކުއްޖަކު ވެސް އޮތްކަމަށް ވެއެވެ. އަދި އޭނާ އެންމެ ފަހުން ޤައުމަށް ގޮސްފައި އެނބުރި އައީ އެކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމުގެ ފޮނި އުންމީދުގައެވެ.