އުޅިއަށި ބޯޓު އިއްޔެގައި ބިލެތްފަހީ ފަޅުތެރެއަށް އަޑިއަށް ދިއުމުން ބޯޓުން ގެންދިޔަ ކާޑުގެ ބާވަތްތައް އެއްކޮށް ހަލާކުވުމާ ގުޅިގެން ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފަހިކޮށްދީ ނަމޫނާ ދައްކައިފިއެވެ.
ބޯޓު ބިލެތްފަހި ކަނޑިންމައިން ވަދެގެން ދަނިކޮށް ނެރުމައްޗަށް އުރި ލިބުނު ގެއްލުމުގެ ސަބަބުން ބޯޓަށް ދިޔަވާން ފެށިއެވެ. އަދި ބަނދަރު ތޮށިގަނޑާއި ކައިރިކުރެވުނު ފަހުން ބޯޓް ވަނީ އެއްކޮށް ކަހަލަގޮތަކަށް އަޑިއަށް ގޮސްފައެވެ. މުދާތައް ސަލާމަތްކުރަން ދޯނީގެ ފަޅުވެރިންނާއި، ބިލެތްފަހީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރި ނަމަވެސް ބޯޓްގެ އަޑީގައި ހުރި ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ.
ބޯޓުން އާންމުކޮށް މުދާ ގެންދާ ރަށްތައް ކަމަށްވާ ކަނޑިތީމު، ބިލެތްފަހި، ފޭދޫ އަދި ގޮއިދޫ އަށް މި ދަތުރުގައި ގެންދިޔަ ކާޑުގެ ބާވަތްތައް އެއްކޮށް ހަލާކުވެފައި ވާތީ ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ ޚަރަދުގައި ދޯންޏެއް ވަނީ ހަމަޖައްސާފައެވެ.
ށ. ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) މިލައުތުރާ ވާހަކަދައްކަވަމުން ވިދާޅުވީ، އެރަށްތަކަށް ދިމާވެފައިވާ ކާޑުގެ ދަތިކަން ހައްލު ކުރުމަށް އެރަށްރަށުގެ އޭޖެންޓުންނަށް ކާޑު ގެންދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައި ކަމަށެވެ.
އަތޮޅު ޝިޔާމް އިތުރަށް ވިދާޅުވިގޮތުގައި މިކަން ދިމާވުމުން އެރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން ކުރި މަސައްކަތަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި އެސްޓީއޯއިން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި ވާކަމަށެވެ.