މިއަހަރުގެ އަޟުހާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދުގައި 600،000.00 ރުފިޔާއަށް ވުރެ ބޮޑު ބަޖެޓަކާއެކު އައްޑޫ އީދި ސަމާ 1445 އަށް އައްޑޫ ސިޓީ މަރަދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
އައްޑޫ އީދި ސަމާ 1445 – މަރަދޫ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ”މިލައުތުރު“ އޮންލައިން އާއި ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ މިއީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެއް ކަމަށާއި، މިފަހަރުގެ ”އީދި ސަމާ“ ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އުފާވެރި އީދު ފާހަގަކުރުން ކަމުގައެވެ.
އީދު ފާހަގަކުރުމުގެ ޙަރަކާތްތަކަށް ފައިސާ ހޯދި ގޮތާ ބެހޭގޮތުން ވިދާޅުވީ މިފަހަރު ވަރަށް ދުރާލާ އެކަމަށް ތައްޔާރުވި ކަމަށާއި، ހަތަރު ގްރޫޕަކަށް ބަހާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވީ ޓާގެޓަކާ ވެސް އެކުގައި ކަމަށެވެ. އެގޮތުން ހަލައްކަ ރުފިޔާގެ ބޮޑު ފަންޑެއް ހޯއްދެވީ ގްރޫޕްތަކަށް ޓާގެޓާއެކު މުއްދަތެއް ވެސް ދީގެންކަމަށެވެ. އެގޮތުން ގްރޫޕްތަކަށް ޓާގެޓަށް ވާޞިލުވުމަށް 15 ދުވަހުގެ މުހުލަތެއް ދިންކަމަށާއި، ހުރިހާ ގްރޫޕަކުން ވެސް މަރަދޫ އާއި ކައިރީ އެހެނިހެން ރަށް ރަށުގައި ވެސް ޙަރަކާތްތައް ހިންގެވި ކަމަށެވެ.
އޮފިޝަލަކު އިތުރަށް ވިދާޅުވީ މިފަހަރުގެ އެންމެ ޚާއްޞަ ޙަރަކާތަކީ މަރަދޫގެ ކުޑި ބޮޑު އެންމެހާ ރައްޔިތުންނަށް ބޭއްވޭ އީދު ސަޔެއް ކަމަށާއި، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމާއި އުޟުހިޔާ ކަތިލުން ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ވާދެމުމުގެ ބުރާތާއި މަސްރޭހެއް ވެސް އޮންނާނެކަމަށެވެ. އަދި މިފަހަރުގެ މަސްރޭސް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު މަސްރޭސްކަމަށާއި ޖުމްލަ 25 ޓީމުން މިރޭހުގައި ބައިވެރިވެފައި ވާކަމަށާއި، އޭގެތެރޭގައި ކައިރީ އެހެން ރަށް ރަށުގެ ޓީމުތައް ވެސް ހިމެނޭކަމަށެވެ.
މިފަަހަރުގެ ބޮޑު އީދަށް މަރަދޫ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި މުއައްސަސާތައް ގުޅިގެން އުފައްދަވާފައިވާ ހިންގާ ކޮމިޓީ އަކުން އީދު ފާހަގަކުރުމުގެ އެންމެހާ ކަމެއް އިންތިޒާމްކޮށް ވިލަރެސްކުރަމުންދާކަމަށެވެ. އަދި މިހާ ފުރިހަމަ ގޮތެއްގައި އީދު ފާހަގަކުރުމުގެ ޙަރަކާތްތައް އިންތިޒާމްކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްދެއްވާ ފަރާތްތަކާއި، ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކާއި، މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުންނަށާއިި، އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރާކަމަށެވެ.