މިލައުތުރު

މަޖިލިސް ރައީސްގެ ދުރޫސުލް އަޚުލާޤު ވިލާވަޅަށާ ނައިބު ރައީސްގެ އިޤްތިޞާދީ ޢިލްމު ފިލާވަޅަށް ބޮޑު ސަމާލުކަމެއް!

ދާދި މިދާކެއް ދުވަހު އިސްލާމިކް ޔުނިވާރސިޓީގެ އައު އިމާރާތައް ސުކޫކު ވިއްކުން އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފުލާގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުއްރަހީމް ޢަބްދު ﷲ ކިވައިދެއްވި ދުުރޫސުލް އަޚުލާޤު ފިލާވަޅަށް ގިނަ ބައެއްގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައި ވެއެވެ.

ހަމަ އެފަދައިން ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމެޓީގައި ނައިބު ރައީސް އަޙްމަދު ނާޒިމް ކިޔަވައިދެއްވި އިޤްތިޞާދީ ޢިލްމާ ގުޅޭ ފިލާވަޅަށް ވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

މަޖިލިސް ރައީސް އަދުރޭގެ ދުރޫސުލް އަޚުލާޤު ވިލާވަޅުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާ ވިދާޅުވެފައި ވަނީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދާނީ އެބައެއްގެ ތެރޭގައި ރިވެތި އަޚުލާޤު ނަގަހައްޓާ ދެމެހެއްޓިގެން ކަމަށެެވެ. ދިވެހިރާއްޖޭގައި މިހާރު މިއޮތް ޙާލަތު ބަދަލުވާންޖެހޭ ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. ތަރައްޤީ އަކީ އިންސާނުންގެ ބުއްދިއާ ފިކުރަށް އަންނަން ޖެހޭ އެއްޗެއް ކަމަށާއި، އިސްލާމިކް ޔުނިވާރސިޓީގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ދިވެހި މުޖުތަމަޢުން ފެންނަމުންދާ ކަމަށެވެ.

މަޖިލިސްގެ ނައިބު ރައީސް އަޙްމަދު ނާޒިމް މާލިއްޔަތު ކޮމެޓީގައި އިޤްތިޞާދާ ބެހޭގޮތުން ވިދާޅުވެފައި ވަނީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ރައްޔިތުންނަށް ފަހުމްވާ މިންވަރަށް ތިލަކޮށް ސާފުކޮށްދެެއްވަން ޖެހޭ ކަމަށާއި، އެއީ އެއްވެސް ޙާލެއްގައި ސިއްރުކުރަން ޖެހޭ އެއްޗެއް ނޫންކަމަށެވެ. އަދި ރަށް ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލަން ޖެހެންޏާ ޖެހޭކަމަށާއި، ހިތިބޭހެއް ބޯންޖެހެންޏާ ބޯންޖެހޭ ކަމަށާއި، އެ ބޭސް ސިޓީ ވެސް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިދެބޭފުޅުން ވެސް ދެއްކެވީ މިވަގުތަށް ދިވެހިރާއްޖެއަށް ވަރަށް މުހިންމު ވާހަކަތަކެކެވެ. ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއްގެ ވާހަކައެވެ. އެސަބަބަށްޓަކައި ދެބޭފުޅުންގެ ވާހަކަފުޅުތަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ.

One Reply to “މަޖިލިސް ރައީސްގެ ދުރޫސުލް އަޚުލާޤު ވިލާވަޅަށާ ނައިބު ރައީސްގެ އިޤްތިޞާދީ ޢިލްމު ފިލާވަޅަށް ބޮޑު ސަމާލުކަމެއް!”

  1. ޢަލީ

    ދުރޫސުލް އަޚްލާޤު ކިޔަވައިދޭން ރަނގަޅުވަނީ ޢަމަލުން އެކަން ދައްކުވާފައި. ކުރިން މަޖިލިސް ތެރޭގައި ހޭވި، ހަޑިތައް، ޕޯޑިއަމް ތަކުގައި ލެވި ހަޅޭކުގެ އަޑުތައް އަދި ނުކެނޑޭ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި