މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއް ބޮޑު ޢީދު ބަންދުގެ ދެ ހަފުތާއަށް ރަށް ރަށަށް ދިއުމުން އެމީހުން ދިރިއުޅޭ ގޭބިސީތަކުގެ ކަރަންޓް ބިލްތަކަށް މިފަހަރު ވާނީ ކިހިނެތްތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.
މިދިޔަ މަހުގެ ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑު ވެގެންދިޔައީ ކަރަންޓް ބޭނުންކުރި މިންވަރު އިތުރު ވެގެންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މުޅި އަހަރު ދުވަހުގެ ކަރަންޓް ބިލްތަކާ އަޅާ ބަލާއިރު އާދަޔާ ޚިލާފަށް އިތުރު ވެފައި ވާނީ އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ސޯޝަލް މީޑިޔާގައި ގުގުމާލިއެވެ.
ބައެއް މީހުން ބުނިގޮތުގައި އެމީހުން ޗުއްޓީގައި މަސް ދުވަސް ވެފައި އައުމުން ވެސް ކަރަންޓް ބިލް ދެގުނަވެފައި ވާކަމަށެވެ. އެއްވެސް މީހަކު ގޭގައި ނެތުމާއި، އެއްވެސް ކަރަންޓެއް ވެސް ބޭނުން ނުކޮށް އޮއްވާ ވެސް ބޮޑު ކަރަންޓް ބިލެއް ލިބުމަކީ ޤަބޫލުކުރޭނެ ކަމެއް ނޫންކަމަށެވެ.
އަނެއް ބަޔަކު ބުނެފައި ވަނީ މުޅި މަސް ދުވަހުގެ ތެރޭގައި ވާރޭ ވެހުނުކަމަށާއި، ނިމިގެންދިޔައީ ނިސްބަތުން ފިނި ދުވަސްތަކެއް ކަމަށެވެ. އެހެނީ މިދިޔަ ތަމަޟާން މަހުގެ ކަރަންޓް ބިލް ބޮޑުވީ ހޫނުގަދަވުމުގެ ސަބަބުން ކަމަށާއި، މުޅި ދުނިޔޭގައި ވެސް ކަރަންޓް ބިލް ބޮޑުކަމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެފައި ވާތީއެވެ.
މިފަހަރު ބޮޑު ޢީދަށް މީހުން ރަށް ރަށަށް ދިއުމުން އެމީހުންގެ ކަރަންޓް ބިލްތައް ވާނީ ބޮޑުތޯ ނުވަތަ ކުޑަތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ. އަދި ދާއިރުގައި ޑީބޯޑުން ކަރަންޓް ކަނޑާލާފައި ދިޔަސް ކަރަންޓް މީޓަރު އެނބުރުމަށް ހުއްޓުމެއް ނާންނާނެތޯއެވެ.