މިލައުތުރު

ސަރުކާރަށް 7 މަސް ވެގެންދިޔަ އިރުވެސް ހިނގައި ނުގަނެވިގެން މިއުޅެނީ ކީއްވެބާ!

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ހަތް މަސް ދުވަސް ވެގެންދިޔަ އިރުވެސް އަދިވެސް ހިނގައި ނުގަނެވިގެން މިއުޅެނީ ކީއްވެތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.

އިބޫ ނޫންގޮތެއް ހޯދަން ވަކާލާތުކުރި މީހުން ބުނާގޮތުގައި މިފަހަރު އެމީހުންނަށް ވެސް އެޅިފައި މިވަނީ ޅައިހަލަކުންކަމަށެވެ. މުޅިން ވެސް އިވޭ އަޑަަކީ ބޭރުގެ އެއްވެސް ހިލޭ އެހީއެއް ވެސް ނުލިބޭ ކަމަށާއި، އިންތިހާއަށް ޚަރަދު ބޮޑުވެއްޖެ ކަމަށާއި، އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ ވާހަކައެވެ.

ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގެން ނެތްކަމަށާއި، ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ޤައުމު ބަނގުރޫޓު ވެދާނެކަމުގެ ވާހަކަތައް ވެސް އިވޭލެއް މަދެއް ނޫނެވެ. އިންޑިޔާގެ އުނގަށް ވެއްޓުން ނޫންގޮތެއް މިހާރު ނެތްކަމަށާއި، ފެންނަ މަންޒަރުތައް ކަށަވަރު ކޮށްދެނީ އެހެން ކަމަށެވެ.

ބައެއް މީހުން ބުނާގޮތުގައި މަގުމައްޗަށް ފުލުހުން ނެރެގެން ރޭގަނޑު ދަންވަރަށް ވެހިކަލްތައް ޓޯކުރުން ނޫންކަމެއް ނުފެންނަކަމަށާއި، އެގޮތަށް ސަރުކާރެއް ނުހިންގޭނެ ކަމަށެވެ. އަދި ނުކުރާން ވިދާޅުވިހާ ކަމެއް ކުރައްވަމުން، އެއްވެސް ވަޢުދެއް ނުފުއްދޭ ކަމަށެވެ. ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ވީ ވަޢުދެއް މިހާރަކު ފެންނަ ފަށުގައި ވެސް ނެތްކަމަށެވެ.

ސަރުކާރުގެ އިސް މަޤާމްތަކަށް ޢިލްމީ ޤާބިލް މީހުން ނޫނީ ނުލައްވާނެ ކަމަށް ވިދާޅުވި ބަސްފުޅުގެ މަތިން ހަނދުމަފުޅު ނެތިއްޖެ ކަހަލައެވެ. ސަރުކާރުގެ މޫނުމަތީގެ ހައިބަތު ދައްކުވައިދޭ މަޤާމުތަކަށް ވެސް ނާޤާބިލް މީހުން އައްޔަނުކޮށް، ބޮއްސުންލުމުން ވަކިކުރާން ޖެހުމަކީ ޙަޤީޤަތުގައި ވެސް ވަރަށް އައިބު ކަމެކެވެ. ކުރިން އޮތީ މަތިބަރު ސަރުކާރެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުމަށް ފަހުގައި، އެއަށް ވުރެވެސް މަތި ބަރުކޮށް ސަރުކާރު ހިންގަވަން ޖެހުމަކީ ޤަބޫލުކުރަން ވެސް ދަތިކަމެކެވެ.

© 2023 milauthuru. All rights reserved.