ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރަން ކުރީ ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބެންކު އެކައުންޓްތައް ފުރީޒުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެގްރޯނެޓްގައި މެނޭޖަރެއްގެ މަޤާމުގައި ހުރި އަޙްމަދު ޝަރީފު ނަމަކަށް ކިޔާ މީހަކު ވަޒީފާ އާއި ބެހޭ ޤާނޫނާ ޚިލާފަށް ވަކިކުރި މައްސަލަ، ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް އޭނާގެ ފަރާތުން ހުށަހެޅުމުން ވަޒީފާ އިޔާދަކުރުމަށް ވަނީ ޙުކުމް ކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ހޭދަވި މުއްދަތުގައި އޭނާގެ މުސާރަ އާއި އެލަވަންސްތައް ހަމައަށް ދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ޝަރީފުއަށް ދޭންޖެހޭ ފައިސާ ނުދީގެން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ދިއުމުން ވަޒީފާ އިޔާދަކުރުމާއެކު އޭނާއަށް ގެއްލިފައިވާ މަސްތަކުގެ މުސާރައަށްވާ ބައި މިލިޔަނަށް ވުރެ ގިނަ ފައިސާ އެއްފަހަރާ ދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް އެގްރޯނެޓަށް އެފައިސާ ކޯޓު ޙުކުމުގައިވާ ގޮތަށް ދައްކާ ޚަލާސްކުރެވިފައި ނުވާތީ، ޙުކުމް ތަންފީޒުކުރުމާ ގުޅޭ މިއަދުގެ ޝަރީޢަތުގެ މަޖިލިސްގައި އެގްރޯނެޓްގެ ބެންކް އެކައުންޓްތައް ފްރީޒުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.