މިލައުތުރު

އަމިއްލަ ގައިގާ ވަޅިއެޅޭ އިރުވެސް މިއުޅޭ މަޖިލިސް މެންބަރުންނަކަށް ނޭނގޭ – އުމަރު ނަސީރު

ޤާނޫނު އަސާސީއަށް މި ގެނެވުނު ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭ ތާށިވީކަމަށާއި، ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށްފި ނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެ ނަމަ ނުވަތަ ވޯޓުދީފި ނަމަ ޕާޓީއިން ވަކިކޮށްލުމުން މަޖިލިސްގެ މެންބަރުކަން ގެއްލިގެންދާނެކަަމަށާއި، ދެރައީ އަމިއްލަ ގައިގާ ވަޅިއެޅޭއިރު ވެސް އެކަން ނޭނގޭތީ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ފޭސްބުކްގައި ވަރަށް ތަފްޞީލީ ގޮތެއްގައި ލިޔުއްވާފައި ވަނީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލާއެކު ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މަޖިލިސް މެންބަރަކަށް ދެންނޯންނާނެ ކަމަށާއި، މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީ ކަމަށެވެ.

އަދި ޕާޓީއެއްގެ ޓިކެޓްގައި މީހަކު މަޖިލިސް އަށް އިންތިޚާބުވިޔަސް އެ މެންބަރަކު ހޮވުމަށް ވޯޓުދޭ %75 މީހުންނަކީ ޕާޓީގެ މީހުން ނޫންކަމުން މަޖިލިސް މެންބަރު ތަމްސީލުކުރަން ޖެހެނީ މުޅި ރައްޔިތުންކަމަށާއި ޕާޓީ ނޫންކަމަށެވެ. އެތައް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖިލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީގެ އެންމެ 3 މެންބަރުންގެ ވޯޓުންކަމަށެވެ. މި ބަދަލުގެ ސަބަބުން ‘ރައްޔިތުންގެ މަޖިލިސް’ މި ބަދަލުވީ ‘ޕާޓީގެ މަޖްލިސް’ އަށް ކަމަށެވެ.

ވޭތުވި 19 އަހަރު ދުވަސް ތެރޭގައި މި ޤައުމަށް ލިބުނު ހުރިހާ ގެއްލުމެއް މި ލިބުނީ ޕާޓިތަކުގެ ސަބަބުން ކަމަށެވެ. މުޅި ރައްޔަތް ނިކުމެ އިންތިޚާބުކުރާ މަޖިލިސްއެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބުނީކަމަށާއި، ދެރައީ އެވަރުވެސް މިއުޅޭ ޢިއްޒަތްތެރި މެންބަރުންނަށް ނޭނގޭތީ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.