މިލައުތުރު

ހދ. އަތޮޅު ކައުންސިލްގެ ބެންކޮކް ދަތުރު: އިންތިޒާމް ކޮށްގެން ކުރި ބޮޑު އިސްރާފެއް!

އެއްވެސް ފައިދާއެއް ނެތްގޮތުގައި ބަޖެޓުން އެތައް ލައްކަ ދިވެހި ރުފިޔާއެއް ޚަރަދުކޮށްގެން ބެންކޮކް ދަތުރެއްކޮށް، ހދ. އަތޮޅު ކައުންސިލުން ބޮޑު އިސްރާފެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ވާގޮތުން ހދ. އަތޮޅުން ކައުންސިލުގެ ބަޖެޓުން 952،885ރ. ޚަރަދުކޮށްގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބެންކޮކަށް ތަޖުރިބާ ހޯދުމަށް 10 ދުވަހުގެ ދަތުރެއްގައި 13 ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓްގެ އިތުރު 6 ބޭފުޅުން ހިމެނޭ ގޮތަށް ޖުމްލަ 20 މީހުން ގޮސްފައި ވެއެވެ.

މަގުސަދަކީ ތައިލެންޑުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލޭންޑުގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން ހިންގުމުގެ ހަރުދަނާ އުޞޫލުތަކާއި، ރަށްފުޅު ތަރައްޤީއާ ގުޅޭ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުންކަމަށް ކައުންސިލުގެ ދަތުރު ރިޕޯޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ތަފުޞީލުތަކުން ހާމަވާގޮތުގައި މި ދަތުރުން ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްތަކުގައި ބޭނުންކުރާނޭ ގޮތެއް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައިނުވާކަމަށާއި، މި ދަތުރުން ހާސިލްކުރަން ކުރިން ރާވާފައި ވަނީ ކޮންކޮން ކަންތައްތަކެއް ކަން ވެސް ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ ކައުންސިލަށް އިސްލާޙީ ފިޔަވަޅު އެޅުމަށް އަންގާފައި ވެއެވެ.

© 2023 milauthuru. All rights reserved.