ޝާން މުޙައްމަދު

ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ދޭން ފާސްކޮށްފި

އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުނަނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭ ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލު ފާސްކުރުމަށް ނެގި ވޯޓުގައި 72 މެންބަރުން ބައިވެރިވިއެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވު އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު ފާސްކުރެވިގެން ދިޔަ މި އިސްލާހާއެކު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ އެއްގޮތަށް ޑަބްލިއުޑީސީގެ މެންބަރުންނަށް ވެސް ރޯދަ މަހުގެ ކުރިން ރޯދަ އެލަވަންސް ލިބޭނެ އެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް މެމްބަރުންނަށް 3000ރ. ލިބޭނެ އެވެ. މީގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނީ ބާރު ވެސް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބިގެންދާނެ އެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވާގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން ފަސް އިންސައްތަ ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހެ އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލެވެންސް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަން ފާހަގަ ކުރެވެއެވެ.