މިލައުތުރު

އޯލްމައިޓީ ގޯޑް ރާއްޖެ އައުން މަނާކުރުމަށް ޝައިޚް ނިޝާން ގޮވާލައްވައިފި.

އޯލްމައިޓީ ގޯޑް ނަމަކަށް ކިޔާ އިންޑިޔާގެ މުދާއުފުލާ ލަކުޑި ބޯޓެއް ރާއްޖެއަށް އައިސް ގޮސް އުޅެވޭތީ ޝައިޚް ނިޝާން ކަންބޮވުން ފާޅުކުރައްވައިފިއެވެ.

ފޭސްބުކްގައި ޝައިޚް އެދިވަޑައިގެންފައި ވަނީ ކަމާބެހޭ ފަރާތްތަކުން މިކަން ޙައްލުކޮށްދެއްވުމަށެވެ. މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ މާބޮޑު މައްސަލައެއް ކަމަށާއި، އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ މިބޯޓަށް، މިނަން ކިޔާހާ ހިނދަކު ރާއްޖެއަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ ކަމަށެވެ.

މި ބޯޓަށް މިކިޔާ ނަމަކީ ”Almighty God“ އޭގެ މާނައަކީ ”ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހު“ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންގެ ޙައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވާ, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. މިއީ ރާއްޖެއަށް މުދާ ހިފައިގެން ކުރިން ވެސް އަންނަ ބޯޓެކެވެ.