ފޯކައިދޫ ކައުންސިލްގެ މެންބަރަކު އިދާރީ މުވައްޒަފުންނަށް ފުރައްސާރަކޮށް ހަަޑިހުތުރުބަހުން އެއްޗެހިގޮވާ ހަދާތީ އެކައުންސިލްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ވަޒީފާއަށް ނިކުތުން ހުއްޓާލައިފިއެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން ވަނީ ހުއްޓިފައެވެ.
ކައުންސިލް މެންބަރު ޙުސައިން ފަރީދުގެ ފުރައްސާރަ އާއި ހަތިހުތުރު ބަސްތަކާ ހެދި މަސައްކަތްކުރުމަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ބުނެ އިދާރީ މުވައްޒަފުން މަސައްކަތަށް ނިކުތުން ހުއްޓާލިތާ މިއަދަށް ތިން ދުވަސް ވެއްޖެ އެވެ. އެމީހުން މަސައްކަތް ހުއްޓާލުމުގެ ކުރިން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީގައި އެދިފައިވަނީ އެމީހުންނަށް މަސައްކަތްކުރުމަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމުން މަސައްކަތަށް ރުޖޫއަވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދު ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލް މެންބަރަށް ނަޞޭޙަތްތެރި ވުމަށާއި، މުވައްޒަފުންގެ ފަރާތުން މާފަށް އެދުމަށް އެންގުމަށެވެ. ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ކައުންސިލް މެންބަރު ފަރީދުއަށް ވަނީ ނަޞޭޙަތްތެރި ވެފައެވެ. ނަމަވެސް، ފުރައްސާރަކުރުން ހުއްޓާލުމަށް އެއްބަސް ވިޔަސް، މާފަށް އެދުމަށް ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ކައުންސިލުން ނިންމާފައިވަނީ އެ މައްސަލައިގެ ތަފްޞީލާއެކު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމަށެވެ.
ކައުންސިލް މެންބަރު ހުސައިން ފަރީދު އަކީ ކުރިން އެމްޑީޕީގައި މަސައްކަތްކުރެއްވި ނަަމަވެސް މިހާރު ވެރިކަންކުރާ ޕާޓީ ޕީއެންސީއާ އެކު ސިޔާސީ މަސައްކަތްކުރައްވާ ފޯކައިދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި މެންބަރެވެ.
ކޮމެންޓް