ށ. އަތޮޅު މިލަންދޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަމަކީ އެރަށުގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމާއި، ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމެވެ. މިއީ އެމީހުންގެ ޒަމާންވީ އެންމެ ބޮޑު ހުވަފެންތައް ކަމުގައި ވަނީ ވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމުގެ ވަޢުދާ އެކުގައެވެ. އަދި ވައުދާ އެއްގޮތަަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ކޮންމެ ދުވަހަކު ވެސް އެރަށުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގެންދަނީ މައްސައްކަތުގެ އަދާހަމަ ހިއްސާކުރަމުންނެވެ.
އެއާޕޯޓު މަޝްރޫޢުގެ އެންމެ ފަހުގެ އަޕްޑޭޓް ފެންނަ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރުމުން ގިނަ ބަޔަކަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެރަށު ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ މުސްތަފާ ނަމަކަށް ކިޔާ މީހަކު ހިއްސާކުރި ޕޮޓޯއިން ފެންނަނީ ރޮއްޖެއްވަރު ތަންކޮޅެއް ހިކިފައިއޮތްތަނާއި، ޖަޕާނުމަސް ލާފައި ހުންނަ ކޯރު ކަހަލަ ރޮނގެކެވެ. ޖުމްލަ ގޮތެއްގައި އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތެވެ.
ބައެއް މީހުން ބުނާގޮތުގައި ކައުންސިލް އިންތިޚާބުގައި އަނެއްކާ ވެސް މަސައްކަތަކަށް ބޮޅެއް އިތުރު ކޮށްލާނެ އެވެ. ދައުރުގެ ބާކީ މިއޮތް މުއްދަތުގައި އެއާޕޯޓު އެޅުމުގެ ހުވަފެން ޙަޤީޤަތަކަށް ނުވެދާނެތީ އެމީހުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންގެ އުންމީދަކަށް ބަދަލެއް ނާދެއެވެ. އަދި ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު