ށ. ފީވަކުގައި މިސަރުކާރުން ފެށި އެއްވެސް މަޝްރޫޢެއް އެދެވޭގޮތެއްގައި ކުރިއަށްނުދާތީ، ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
މިލައުތުރަށް މަޢުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ބުނީ، އިންތިޚާބުތަކާ ދިމާކޮށް ކަންތައްތަކެއް ފަށާފައި އެބަހުރި ކަމަށާއި، އެއްވެސް ކަމެއް މިހާރު ކުރިއަށް ނުދާކަމަށެވެ. އަދި ރައްޔިތުން ކުރި ފޮނި އުއްމީދުތައް މުޅިން ބޭކާރުވެއްޖެ ކަމަށް ޤަބޫލުކުރުން ނޫންގޮތެއް މިހާރު ނެތްކަމަށެވެ.
ކުޑަކުދިންގެ ޕާކެއް އެޅުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާ ކަމަށާއި، މިހާތަނަށް ފާރެއް ރޭނުންފިޔަވާ އިތުރު އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ޕާކު ހެދުމަށް ބޭނުންވާތަކެތި، 25 ފެބުރުއަރީ 2026 ގައި ރަަށަށް ގެނެސްފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށްނުދަނީ ކީއްވެކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

ދެން އޮތީ ގެވަޅުތައް ހިއްކުމުގެ މަސައްކަތެވެ. ވެލިއަޅަންޖެހޭ 136 ގެވަޅަށް ވެލިއެޅުމުގެ މަސައްކަތް ފެށީ 7 ޑިސެމްބަރ 2025 ގައެވެ. އަދި ނިމުނީ އެންމެ %1 ވަރެވެ. މިހާރު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ. މި މަސައްކަތްކުރަނީ އެމްޓީސީސީންނެވެ.

ހަމަ އެގޮތަށް މޫދަށްއެރޭތަނެއް ހެދުމުގެ މަސައްކަތް ވެސް ފަށާއި، ތަންކޮޅެއް ކޮނެފައިއޮތީ ހުއްޓިފައެވެ. އެއްގޮތަކަށް ވެސް ކުރިއަށްދާގޮތެއް ނުވެއެވެ. މިހާތަނަށް ކޮނެފައިއޮތް ތަންކޮޅުވެސް އަލުން ޖެހޭނީ ކޮންނަން ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ. މިއީ ވެސް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މިހުރިހާ މަޝްރޫޢެއް ވެސް ހުއްޓިފައިވީ ނަމަވެސް މިވާހަކަ ސަރުކާރުގެ ކަމާބެހޭ ފަރާތެއްގައި ދައްކާލާނެ މީހަކުވެސް ނެތްކަމަށް ބުނެ ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާވެފައެވެ. ފީވަކުގެ ރައްޔިތުންގެ އެދުމަކީ އާކަމެއް ނުފެށުނަސް ފަށާފައިހުރި މަސައްކަތްތައް ނިންމާލަދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު