ދުނިޔެމަތީގައި ލިބޭ މުދާވެރިކަމަކީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެއް ކަމަށާއި، އެކަމަށް ރައްކާތެރިވާން ޖެހޭ ކަމަށާއި، އެއީ ޤިޔާމަތް ދުވަހު ސުވާލުވެވޭނެ ކަމެއްކަމުގައި ހުކުރު ޚުޠުބާގައި މިއަދު ހަނދާންކޮށްދީފި އެވެ.
ތަނަވަސްކަން ހޯދާ ގޮތާއި، އެ ތަނަވަސްކަން ހޭދަކުރާ ގޮތާ މެދު ޤިޔާމަތް ދުވަހު ސުވާލުވެވޭނެ ކަމަށާއި، ޖަވާބުދާރީ ނުވަނީސް ހުރި ފިޔަވަޅުމަތިން ގުޑައިވެސް ނުލެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް ހަނދާން ކޮށްދީ، އިންޒާރު ކޮށްފައި ވެއެވެ. އެއީ އެކަމުގެ ބޮޑު ކަމުންކަން ޔަޤީނެވެ. މިއީ ތަނަވަސްކަމުގެ އަހުލުވެރިން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ.
މީގެ އިތުރުން ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފައި ވެއެވެ.
އަދި އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުންނަށް ޚަރަދުކުރުމަކީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެއް ކަމުގައި ވެސް ހަނދާންކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު