
ށ. ފޯކައިދޫ ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ކުލަގަދަކޮށް ބާއްވައި، ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދީފިއެވެ. މި ޖަލްސާގައި ފޯކައިދޫ ކައުންސިލުން ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އަގުހުރި ފައިސާގެ އިނާމުތަކެއް ދީފައިވާއިރު، ދާއިރާގެ މަޖިލިސް މެންބަރުގެ ފަރާތްޕުޅުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމެއް އުފެދި ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ތައުލީމީ ގޮތުން ދަރިވަރުން ހޯދަމުންދާ ރަންވަނަތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ކައުންސިލުން ވަނީ ޚާއްސަ އިނާމުތަކެއް ދީފައެވެ. އެގޮތުން ފޯކައިދޫ ސްކޫލުން އޭލެވެލް އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން “ބެސްޓް އޯލް ރައުންޑް” ހޯދި ކޮންމެ ދަރިވަރަކަށް ކައުންސިލުގެ ފަރާތުން 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދެއްވާފައެވެ. މީގެއިތުރުން، ޓޮޕް ފައިވްގައި ހިމެނުނު ކޮންމެ ދަރިވަރަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ކައުންސިލުން ވަނީ ހަދިޔާކޮށްފައެވެ.
ކައުންސިލުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައިވީ ނަމަވެސް، ރަށުގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ޝަކުވާއާއި ހިތްހަމަނުޖެހުން އުފެދިފައެވެ. އާންމުން ފާހަގަކުރާ ގޮތުގައި، ކައިރީގައި އޮތް ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެ ދާއިރާގެ ސްކޫލުގެ ބެސްޓް އޯލް ރައުންޑް ހޯދި ދަރިވަރަށް 14،000 ރުފިޔާގެ އަގުހުރި އިނާމެއް ދެއްވާފައިވާއިރު، ކޮމަންޑޫ ދާއިރާގެ މެންބަރުގެ ފަރާތްޕުޅުން ފޯކައިދޫ ސްކޫލުގެ ބެސްޓް އޯލް ރައުންޑް ހާސިލްކުރި ދަރިވަރަށް އެއްވެސް އިނާމެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
މީގެއިތުރުން، ސްކޫލުގެ މިފަދަ މުހިންމު ޖަލްސާއެއްގައި ދާއިރާގެ މެންބަރު ބައިވެރިވެވަޑައިނުގެންނެވުމުގެ އިތުރުން، ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް އެއްވެސް އެހީތެރިކަމެއް އަދި އެއްބާރުލުމެއް ދެއްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ރަށުގެ ބައެއް އާންމު ފަރާތްތަކުން ބުނެފައިވަނީ، ދާއިރާގެ ދަރިވަރުންގެ ތައުލީމީ ކުރިއެރުމާއި ހިތްވަރު ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އިންތިހާއަށް ބޭނުންވާ ކަމެއް ކަމަށާއި، މިފަދަ ކަންކަމުގައި ދާއިރާގެ މެންބަރުގެ ފަރާތުން ފެންނަ ފަރުވާކުޑަކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު