މީގެ އަށެއްކަ އަހަރު ކުރިން ދެ ކިޑްނީ ފެއިލްވެ ޑަޔަލިސިސް ހަދަމުން ގެންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު އެންމެ ފަހުން ހެދި ޑައިލިސިސް އަށް ފަހު، ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ވަނީ ފަރުވާދޭން ފަށާފައެވެ.
އޭނާގެ ގާތް މީހަކާއި ޙަވާލާދީ ބައެއް މަންސަތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އެންމެ ފަހުންވެސް ހޮސްޕިޓަލަށް ދިޔައީ ޑަޔަލިސިސްއެއް ހެދުމަށް ކަމަށެވެ. ހާލު ސީރިއަސްވީ ޑައިލިސިސް ނިންމި ފަހުން ކަމަށާއި ހެދި ޓެސްޓުތަކުން ހާމަވީ ސްޓްރޯކެއް ޖެހިފައިވާ ކަމެވެ.
އައިސީޔޫގައި ފަރުވާދެމުން ގެންދާ ސާއިދުގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ. ބަލިވުމުން ދުނިޔެ ބަދަލުވެގެންދިޔަ ހިތްދަތިގޮތް ބަޔާންކޮށްދިނުމުން މުޅި ރާއްޖޭގެ އެންމެން ރޮއްވާލި ސާއިދުއަށް މިއަދު ބޭނުންވަނީ ހެޔޮ ދުޢާ އެވެ. މިލައުތުރުގެ މުޅި ޓީމުގެ ވެސް ދުޢާ އަކީ ސާއިދުއަށް މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު