ށ. ފޯކައިދޫގައި މިވަގުތު ހުރި ތިން މިސްކިތަކީ ވެސް އެއް އާއިލާއެއްގެ ދީލަތި އެހީ.

މިލައުތުރު | 12 ޑިސެމްބަރ 2025 | ރިޕޯޓު
4

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު އަލް މަރްޙޫމް ޙުސައިން ވަޙީދުގެ ދީލަތި އެހީގައި ބިނާކުރި “މަސްޖިދުލް ނޫރް” މިއަދު ވަނީ ހުޅުވާފައެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ މަރްޙޫމް ޙުސައިން ވަޙީދުގެ ދަރިކަލުން އަޙްމަދު ނަވީން ޙުސައިން އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

Advertisement

މަސްޖިދުލް ނޫރް:

މިއީ 400 މީހުންގެ ޖާގައިގެ ތަނަވަސް މިސްކިތެކެވެ. ރީތި މުންނާރެއް އެކުލެވޭ މި މިސްކިތުގައި އާއްމުންގެ ބޭނުމަށް 2 ފާޚާނާ އާއި، އިމާމަށް ޚާއްސަ ފާޚާާނާއަކާއި، އިމާމަށް ޚާއްސަ ކޮޓަރިއަކާއި، ވުޟޫކުރުމަށް އިސްކުރުބަރިއެއްގެ އިތުރުން ސްޓޯރ ރޫމެއް ހިމެނެއެވެ. މިއަދު ހުޅުވިގެންދިޔަ މި މިސްކިތުގައި ވަނީ ކާޕެޓުއަޅާ އޭސީ ކޮށްފައެވެ.

މަސްޖިދުލް ތަވްޙީދު:

މިއީ ށ. ފޯކައިދޫގެ ބަނދަރު ސަރަޙައްދުގައި އަލް މަރްޙޫމް ޙުސައިން ވަޙީދުގެ ބޭބޭފުޅު އިބްރާހީމް ވަޙީދުގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ނިސްބަތްކުރެވެނީ އެބޭފުޅުންގެ މަންމާފުޅު އަލް މަރްޙޫމާ މަރިޔަމް އިބްރާހީމް އަށެވެ. އަދި މިސްކިތް ބިނާކުރެވިފައިވަނީ ވެސް އަމިއްލަ ބިމެއްގައެވެ. މިއީ ވެސް ޒަމާނީ ފަރުމާއަކަށް ބިނާކުރެވިފައިވާ ވަރަށް ރީތި މިސްކިތެކެވެ. އިސްކުރުބަރި އާއި ފާޚާނާއާ އެކު ބިނާކޮށްފައިވާ މި މިސްކިތަކީ ވެސް މުންނާރުލީ މިސްކިތެކެވެ.

މަސްޖިދުލް ހިދާޔަތު:

މިއީ ވަރަށް ކުރީ ޒަމާނުގައި އަލް މަރްޙޫމް ޙުސައިން ވަޙީދުގެ ކާފާފުޅު އަލް މަރްޙޫމް އިބްރާހީމް އަލީ ބިނާކޮށްދެއްވާފައިވާ މިސްކިތެކެވެ. އަދި މިއީ ފޯކައިދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު މިސްކިތަކަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު ފުރަތަމަ މިސްކިތެވެ. މި މިސްކިތް މިހާރު ވަނީ ފޯކައިދޫ ކައުންސިލުން އާބާތުރަފިލުވައި ޖާގަ އިތުރުކޮށް ބޮޑު ކޮށްފައެވެ. މިއީ ވެސް ފޯކައިދޫގައި ހުކުރުކުރާ މިސްކިތެކެވެ.

ށ. ފޯކައިދޫގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށްވާ އަލް މަސްޖިދުލް އީމާން ވަނީ ދާދި ފަހަކުން ތަޅާލާފައެވެ. ސަރުކާރުގެ ޚަރަދުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައެވެ. އެހެން ނަމަވެސް މިސްކިތް ތަޅާލުމަށްފަހު އިސްލާމީ މަރުކަޒު އެޅުމުގެ ޢަމަލީ މަސައްކަތް އަދި ފެށޭގޮތެއް ނުވެއެވެ. އެހެންކަމުން މިވަގުތު ފޯކައިދޫގައި ހުރި ތިން މިސްކިތަކީ ވެސް ފޯކައިދޫގެ އެއް އާއިލާއަކުން ބިނާކޮށްދެއްވާފައިވާ ތިން މިސްކިތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހައްޕެ
ތަޅާލެވުނުކެމަށް ބުނާ މަސްޖިދުލް އީމާން އަކީ ވެސް އަލް މަރުޙޫމު ޙުސެއިން ވަޙީދުގެ ބޭބެ އިބްރާހިމް ވަޙީދުގެ ހެއްދެވި މިސްކިތެއް
ނ ނަޒީމާ
އެބޭފުޅުންނަށް ސުވަރުގެ އިން ގަނޑުވަރެއް ދެއްވާނެ އިންޝާ ﷲ
އ އަބްދޯ
މާޝާ ﷲ
އ އަޙްމަދު
ތިޔަ އާއިލާއަށް ހެޔޮ ދަރުމަ ދެއްވާށި. އާމީން