ޝަރުޢީ ދާއިރާގައި މެދުކެނޑުމެއްނެތި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި ވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެއްވާ ޚާއްސަ އެވޯޑް، ށ. ފޯކައިދޫ، އާވާޒް އަޙްމަދު އަސްލަމަށް ލިބިވަޑައިގެންފި އެވެ.
ޤަޟާއީ އަހަރު 2026 އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެވޯޑު ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަސްލަމް މިހާރު ހުރީ ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ސީނިޔަރ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ކަމުގެ މަޤާމުގައެވެ.
އަސްލަމް އަކީ މަޑުމައިތިރި ވަރަށް ހިތްޔެހޮ ފޯކައިދޫގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ނަމޫނާ ބޭފުޅެކެވެ. ޒުވާން އުމުރުގައި ކުޅިވަރަށް ލޯބިކުރެއްވި އަސްލަމް އަކީ ފޯކައިދޫގައި އުފެދުނު އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.
ވަޒީފާގެ ޙަޔާތުގައި އެހެން އެއްވެސް ދާއިރާއެއްގެ ވަޒީފާއެއް ފުރުއްވާފައެއް ނުވެއެވެ. އަސްލަމް އެކަން ފާހަގަކުރައްވަނީ ފަޚުރުވެރިކަމާ އުފަލާއެކުގައެވެ. އަދި އެކަން ސިފަކުރައްވަނީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. ޙަޤީޤަތުގައި ވެސް އެހާ ދިގު މުއްދަތެއްގައި ދެގޮތެއްނުވެ މީހުންގެ ލޯތްބާއި އިޙްތިރާމާއެކު ދެމިހުރެވުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ހިތްވަރު ގަދަ މީހުންނަށް ޙާޞިލުކުރެއްވޭނެ ދަނޑުދަނޑިއެކެވެ.
ޝަރުޢީ ދާއިރާގެ ދިގު މުއްދަތުގެ ޚިދުމަތުގެ އެވޯޑު ލިބިވަޑައިގަތުމުން ފޭސްބުކްގައި ފާޅުކުރައްވާފައިވާ އުފާވެރި އަދި އަސަރު ގަދަ ޝުއޫރު ފާޅުކުރައްވައި ލިޔުއްވާފައި ވަނީ މިފަދައިންނެވެ.
30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޝަރުޢީ ދާއިރާގެ ޝަރީޢަތާއި، ވަރި، ކާވެންޏާއި ގުޅޭ މަސައްކަތުގައި އިޚްލާޞްތެރި ކަމާއި، ތެދުވެރިކަމާއި އެކު ދެމިހުރެވިއްޖެ ކަމުގެ އުފާ ލިބިގަންނަން، އަދި މާތް ﷲ އަށް ޙަމްދު ކުރަން. ޚާއްޞަކޮށް ކޯޓުގައި ނުނިމި އޮންނަ އެއްވެސް ޝަރީއަތެއްގެ ވާހަކަ ކޯޓުން ބޭރުގައި ނުދެއްކުމާއި، ނުނިމި އޮތް ޝަރީއަތަކާއި ގުޅުންހުރި އެއްވެސް ފަރާތެއް ހޮޓާ، ރެސްޓޯރެންޓް ފަދަ ތަނެއްގެ ސީދާ އެއްމޭޒުން ދިމާވިޔަސް ދުވަހަކު ވެސް ބިލް ދެއްކުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ދީފައި ނުވާނެތީއާއި، ވަރި ކާވެނީގެ އެންމެހާ ކަންކަމުގައި އެ ބަޔަކު އެދިފައިވާ މިންވަރަކަށް ސިއްރު ހިފަހައްޓައިދެވިފައި ވާތީ ރައްޔިތުންގެ އިތުބާރާއި، މެޖިސްޓްރޭޓުންގެ އިތުބާރު ލިބިފައިވާ ކަމުގެ އުފާ ލިބިގަންނަމުން މި ޚިދުމަތުގައި ދެމިހުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ވަފާތެރި އަނބިމީހާ އަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.
އަސްލަމްގެ މި ކާމިޔާބީ އަކީ ފޯކައިދޫގެ ރައްޔިތުން އުފަލާއެކު ފާހަގަކޮށް ތަހުނިޔާ ދެންނެވުން ޙައްޤު ކާމިޔާބެކެވެ. ދިގު މުއްދަތުގެ ޚިދުމަތުގެ އެވޯޑް ޙާޞިލުކުރައްވާފައިވާތީ އަޙްމަދު އަސްލަމް އަށް، މިލައުތުރު އޮންލައިންގެ އެންމެހާ ލިޔުންތެރިންނާއި ކިއުންތެރިންގެ ނަމުގައި ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލު