އިނގިރޭސި ވިލާތުގެ އިސްތިއުމާރު ދޫކޮށްލައި ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަކީ “ގަމާރުކަން” ކަމަށް ބުނުމަށް ފަހު، އެ ކެންސަލްކޮށް އިނގިރޭސީންގެ ޑީލަށް ރައީސް ޓްރަމްޕު ތާއީދުކުރާކަން ހާމަ ކޮށްފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަތަކަކަށް ފަހު ޓްރަމްޕު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ މޮރިޝަސް އަށް ފޯޅަވަހި ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަވެ، އެކަމުގެ މައްޗަށް އޮތް ޔަގީންކަން އިތުރު ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ އެއްބަސްވުން ރޫޅާލައިފި ނަމަ، ޑިއެގޯ ގާސިއާގައި އޮތް އެމެރިކާގެ ބާރު ދެމި އޮތުމަށް ނުރައްކާ ވެދާނެ ކަމަށެވެ.
2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން މޮރިޝަސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެތަނުގެ ސިޔާދަތީ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލި ކަމުގައި ވިޔަސް، ޑިއެގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް ލިބިގެން ވެއެވެ. އަދި އަހަރަކު 101 މިލިއަން ޕައުންޑް ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
މި ބަދަލުތަކާއެކު ދިވެހިރާއްޖެއަށް އޮތް ފުރުސަތު އެއްކޮށް ބަންދުވެގެން ދާނެ އެވެ. އަދި އެމެރިކާ ފަދަ ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ވެސް ނެތެވެ. އެމެރިކާއިން ބުނަނީ ރުހުމުގައި ނުދީފިނަމަ، ގަދަކަމުން ވެސް އަތުލާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު