ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ކުއްލިގޮތަކަށް ޓޯކުރުމަށް ފަހު ތިލަފުއްޓަށް ގެންދަން ވަނީ ފަށާފައެވެ. އެގޮތުން ރަޖިސްޓަރީ ކޮށްފަައި ހުރި ކާރުތަކާއި ނުކުރާ ކާރުތަކާއި ބާވެ ހަލާކުވެފައިވާ ކާރުތައް ވެސް ހިމެނެއެވެ.
މިއީ ބޮޑު ސިޔާސީ ގޭސްގަނޑެއް ކަމަށް ބުނެ މީހުންގެ ޝަކުވާތައް އިވެން ފެށުމުން މި ނޫހުން ތަޙްޤީޤީ ގޮތެއްގައި މިކަމުގެ ތަފްޞީލްތައް ހޯދީމެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ މީޑިއާ ނަންބަރަށް ތިން ސުވާލެއްގެ ޖަވާބު ހޯދުމަށް ފޮނުވީމެވެ.
ޓޯކުރި ވެހިކަލްތައް ތިލަފުއްޓަށް ގެންގޮސްފައި ވޭތޯ އާއި، ވެހިކަލްތަކުގެ ވެރިފަރާތުން ޢަމަލުކުރަން ޖެހޭ ގޮތަކީ ކޮބައިތޯ އާއި ތިލަފުށިން ގެނައުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ ކޮން ފަރާތަކުންތޯ ސުވާލުކުރީމެވެ. ފުލުސް އޮފީހުގެ މީޑިޔާ އޮފިސަރުގެ ޖަވާބު ތިރީގައި އެވަނީ އެވެ.
”ހުޅުމާލެއިން ގަވާއިދާ ޙިލާފަށް ޕާރކްކުރުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތައް ދޫކުރެވޭނީ އެއުޅަނދެއްގެ ވެރިފަރާތުގެ އެންމެހައި ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ވަޑައިގަތުމުން. އަދި 48 ގަޑިއިރުގެ ފަހުން މިފަދަ އުޅަނދުތައް އޭގެ ވެރިފަރާތުން ނުގެންގޮސްފިނަމަ، އެފަފަދަ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިއުލާނުކޮށް، އެއުޅަނދުތަކާ ހަވާލުވުމަށް ވެރިފަރަތަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެ. އަދި އެމުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާނެ.
ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން. މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކުރެވިފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެ.”
މި ތަފްޞީލްތައް ލިބުމުން ދެން މިލައުތުރުގެ ޓީމުން ދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އަދި ދިޔައީ ވެސް އެމީހެއްގެ ކާރު ޓޯކޮށްފައިވާ ފަރާތަކާ ވެސް އެކުގައެވެ. ކައުންޓަރުގައި ތިބި ކުދިންނާ ސުވާލުކުރުމުން އެކުދިން ހެނީއެވެ. މުޅި އޮޕަރޭޝަން ނިމުމުން ވެރިފަރާތްތަކުން އަމަލުކުރަންޖެހޭނެ ގޮތެއް ފަހުން އިޢުލާން ކުރާނެ ކަމަށެވެ. އަދި 15 ވަރަކަށް ދުވަސް ވެދާނެ ކަމަށެވެ. އަދި އިތުރަށް ބުނީ ޓޯކުރި ވެހިކަލްތަކާ މެދު އަމަލުކުރާނެ އުޞޫލެއް ކަނޑައެޅިފައި ނެތްކަމަށާއި، ޚުދު އެކުދިންނަށް ވެސް އަމަލުކުރަންވީ ގޮތެއް ސާފުނުވާކަމަށާއި، މަޢުލޫމާތު އެނގޭނީ އިންޗާޖަށް ކަމަށެވެ. އަދި އިންޗާޖަށް ގުޅާލުމުން ފޯނު ނުނަންގަވާތީ މަޢުލޫމާތު ސާފުވާ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު