އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ މަރުޙަލާ ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަރަށް ކުއްލިގޮތަކަށް ކަމުނުގޮސްގެން އަވަސް އަވަހަށް ވަކިކުރަން ސަރުކާރުން މަރުފަލި ޖަހާތާ ދުވަސްކޮޅެއް ވެފައިވަނިކޮށް، ދައުލަތުގެ އެހެނިހެން ގުނަވަންތަކުން އެކަމާ އިދިކޮޅަށް ބަސް ބުނަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ އާއި އަލްއުސްތާޛު މަހާޒް ވަކިކުރުމުގެ މައްސަލަ ހިންގާފައިވަނީ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި ވަނިކޮށް، އަނެއްކާ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެކަން ގޯސްކޮށް ބަސް ބުނެެފިއެވެ.
ފިލްޒާގެ ޤާނޫނީ ލަފާގައިވާ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ކުރިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ޖުޑީޝަލް ސާވީސް ކޮމިޝަނުން ފޮނުވަންޖެހޭ ކަމަށާއި، އެކަން ފުރިހަމަ ކޮށްފައިނެތް ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ކަނޑައެޅުމުގައި އިޖުރާއަތު ފުރިހަމަ ކޮށްފައިނެތް ކަމަށެވެ.
ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ވަނީ މާދަމާގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. ބެލެވޭ ގޮތުގައި މާދަމާ ދެ ފަނޑިޔާރުން ވަކިކުރާނެއެވެ.