ޝާން މުޙައްމަދު

ފޯނު ބަލަމުން ސައިކަލު ދުއްވި މީހާއަށް އަދަބު ދީފި

ފޯނު ބަލަމުން ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ފޯނު ބަލަމުން ސައިކަލު ދުއްވި މީހާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ސައިކަލު ދުއްވި މީހާގެ ލައިސަންސް ވެސް ހިފެހެއްޓިކަމަށް ފުލުހުން ބުންޏެވެ.

މި މީހާ ޖޫރިމަނާ ކޮށްފައި ވަނީ މީސް މީޑިޔާގައި އޭނާގެ ވީޑިއޯ ދައުރުވަމުން ދަނިކޮށެވެ. އެގޮތުން މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މީހަކު ހައިވޭ މަތީގައި ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އެ ސައިކަލު ފަހަތުގައި އަންހެނަކު އިންނަ ތަން ވެސް ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖްގައި ބުނީ މީސް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.