ޝާން މުޙައްމަދު

އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕު 130،000ރ އިން ޖޫރިމަނާކޮށްފި

އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕު 130،000ރ އިން ޖޫރިމަނާކޮށްފިއެވެ.

އަސްކޮއި ގްރޫޕު ޖޫރިމަނާކުރީ މިދިޔަ މާރިޗް މަހުގެ 14 ވަނަ ދުވަހުގައި އުމްރާއަށް ފުރުމަށް ހަމަޖެހިފައި އޮތް ބަޔަކަށް އުމްރާއަށް ނުދެވޭނެ ކަން ކުއްލިއަކަށް އެންގުމުންނެވެ.

މި މައްސަލައިގައި އެ ގުރޫޕުގެ ގާތްގަނޑަކަށް 30 ވަރަކަށް މީހުން އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނިއެވެ. ނަމަވެސް ފަހު ވަގުތު ކެންސަލް ކުރުމުން އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ މައްސަލަ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ސަމާލުކަމަށް ވެސް އައިސްފައި ވެއެވެ.

މިއަދު އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައިގެ އެއްބަސްވުމާއި ހިލާފުވެފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 130،000ރ. އިން އެ ގްރޫޕް ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ އެ އިދާރާއިން އަސްކޮއި ގުރޫޕުގެ މައްޗަށް މި ފައިސާ ދެއްކުމަށް އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ވުޒާރާއަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މި އަހަރުގެ އުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރީފަންްޑް އެ މީހުންނަށް އަނބުރާ ދިނުމަށް އަންގާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.