އައްޑޫސިޓީގައި ވެދާ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫގައި ބަހައްޓާ ވެދާ ރާޑަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އައްޑޫ ގަމަކީ ރާއްޖޭގައި މޫސުން ބަލާ އޮބްޒަވެޓްރީ ގާއިމުކޮށްފައިވާ އެއް ތަންކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިފަދަ އޮބްޒަވޭޓަރީތައް ދެން ހުންނަނީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ އަދި ގދ. ކާޑެއްދޫ ގައެވެ. މީގެ ތެރެއިން ވެދާ ރާޑަރު މިހާރު ހުރީ ހަމައެކަނި ހުޅުލޭގަ އެވެ.
މެޓް އިން ބުނީ ގަމުގައި ވެދާ ރާޑަރެއް ބަހައްޓާ އިރު ކުރިއަށް އޮތް ތަނުގައި އިތުރު ރާޑަރު ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރި ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ.
ވަހީދު ވިދާޅުވީ ވެދާ ރޭޑަރުތައް ބެހެއްޓި، ވެދާ ފޯކާސްޓް ކުރުމާއި އެލާޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.
ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެ އެވެ.