މިލައުތުރު

ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވައިފި.

ޚިދުމަތް ޖަމިއްޔާގެ ވަފްދަކާ އެކު މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓްގައި ހުންނަވަނިކޮށް ކުއްލިއަކަށް ނޭވާލުމުގެ ދަތިކަމެއް ކުރިމަތިވެ ނިޔާވި ޚިދުމަތްތެރި ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވައިފިއެވެ.

މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައި އިމާމުވެ ކަށުނަމާދު ކުރެއްވީ ޝައިޚް ފަރީދުގެ ކޮއްކޮ ޝައިޚް ޢަލީ ޒައިދެވެ.

މި ޖަނާޒާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އިތުރުން އެތައް ސިޔާސީ ބޭފުޅުންނާއި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ބޮޑު ޖަމާޢަތެއް ބައިވެރިވެފައި ވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އެދެމުންދާތީ، މިހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ފަސްދާނުލައިފިނަމަ، ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖައްސަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ގަތަރުގައި ދީނީ ތަޢުލީމް ހާސިލުކުރެއްވި އަދި 2000 ވަނަ އަހަރުން ފެށިގެން ދީނީ ހޭލުންތެރިކަން ފެތުރުއްވުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ. އަދި ޖަލުގައާއި ގޭބަންދުގައި އެތައް އަހަރެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުން ވެސް ކެތްތެރިކަމާއެކު ތަޙައްމަލްކުރެއްވުމާއެކު ދެގޮތެއް ނުވެ ދީނީ ޚިދުމަތުގައި ދެމިހުންނެވި ބޭކަލެކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟