މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީއަށް 16.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އެއީ 13 ބިލިއަން ރުފިޔާ އެވެ. އަދި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓީޖީއެސްޓީއިންނެވެ.
ފުރަތަމަ ކުއާޓަރުގައި ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަދި ބިޒްނަސް އެންޑް ޕްރޮޕަޓީސް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަދި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް އެއްބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ ހަ ޕަސެންޓް އިތުރު ވެފައި ވެއެވެ. އެއީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 15.7 ބިލިއަން ރުފިޔާ އެވެ.
ޖުމްލަ އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ މިއަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އަދި މިހާތަނަށް 16.7 ބިލިއަން ރުފިޔާ ލިބުމުން ޖުމްލަ އާމްދަނީގެ 42 ޕަސެންޓް ލިބުނީއެވެ.