މިލައުތުރު

އީރާންގެ މިސައިލް ޙަމަލާތަކުގައި ޔަހޫދީ ވައިގެ ސިފައިންގެ އިސް ކޮމާންޑަރާ މޮސާޑްގެ ވެރިންތަކެއް ޖަހަންނަމައަށް ފޮނުވާލައިފި.

އީރާނުން އިއްޔެ އާއި މިއަދު ފޮނުވާލި މިސައިލް ޙަމަލާތަކަކީ ޔަހޫދީން މީގެ ކުރިން ދުވަހަކު ވެސް ދެކެފައިނުވާ ފަދަ ޙަމަލާތަކެއް ކަމުގައި އެ ޤައުމުގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. މި ޙަމަލާތަކުގައި އެމީހުންގެ ވައިގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑުގެ އިސްވެރިންތަކެއް ވަނީ މަރާލާފައެވެ.

އީރާންގެ ވައިގެ ޙަމަލާތަކުގެ ކާމިޔާބުކަމާއި، އަމާޒަށް ވާޞިލުވުމުގެ ޤާބިލްކަން ފެނިފައި ހުޅަނގުން ވަނީ ހައިރާންވެ އަންތަރީސް ވެފައެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ވައިގެ ދިފާއީ ނިޒާމެއް އޮތް އިޒްރޭލަށް ބޭނުން ވަގުތެއްގައި އީރާނުން ޙަމަލާތައް ދޭތީ، މުޅި ޔަހޫދީ ދައުލަތް ވަނީ ހާސްކަމެއްގައެވެ. އެމީހުންނަށް ކިރިޔާ ވެސް އުންމީދެއް އޮތީ އެމެރިކާއިން ސީދާ ގޮތެއްގައި ހަނގުރާމައަށް ވަނުމެވެ. މިހާރުވެސް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާއިން ސީދާގޮތެއްގައި ހަނގުރާމައަށް ވަނުމަކީ ވަރަށް ގާތް ކަމެކެވެ.

އީރާނަށް އިސްވެ ޙަމަލާދީފައިވަނީ އިޒްރޭލުންނެވެ. އީރާނަށް ކުއްލިގޮތަކަށް ދުރާލާ އިންޒާރު ދިނުމެއް ނެތި ފަތިހެއްގައި ދިން ވައިގެ ޙަމަލާތަކުގައި ދިފާއީ އިސް ވެރިންގެ ގިނަ ބަޔަކާއި، އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އެ ޙަަމަލާތަކަށް ފަހު ހަމަހިމޭންވެފައި އޮތް އީރާނުން ރައްދު ޙަމަލާތައް ދޭންފެށުމާއެކު މުދި ދުނިޔެ ސިއްސުވާލައިފިއެވެ. ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަޙައްމަލްކުރަމުންދާތާ 45 އަހަރުވެފައި އޮތް ޤައުމެއްގައި ޓެކްނޮލޮޖީ ތަރައްޤީ ވެފައިވާ މިންވަރު ފެނި ހުޅަނގުގެ ޤައުމުތައް ހައިރާން ކޮށްލިއެވެ. އަދި މުސްލިމު އުންމަތަށް އުފާވެރިކަމެއް ގެނެސްދިނެވެ. އިރާން އާއި އިޒްރޭލާ ދެމެދު ބަދަލުކުރާ އަސްކަރީ ޙަމަލާތަކުގައި ދެފަރާތައް ވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ.