ޞަފާ އާއި މޮހޮންމާއަށް ކެތްނުވެގެން އެންމެ ފަހުން ވަޒީފާއިން ވަކިކުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
އޭނާގެ ދިފާއީ މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހު ހުށަހެޅި މައްސަލަ ޓްރައިބިއުނަލްއިން ބަލައިގަނެ، އަޑު އެހުންތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. ޒީނިޔާގެ ފަރާތުން ވަނީ ބްރޯޑްކޮމް އަށް އައު ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެހެން ނަމަވެސް، ޓްރައިބިއުނަލްއިން މިއަދު ނިންމާފައިވަނީ އެފަދަ އަމުރެއް ނަގައިނުދެވޭނެ ކަމަށެވެ.
ޒީނިޔާ ވަޒީފާއިން ވަކިކުރީ ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދެއްވާ ކަމަށް ކަނޑައަޅައި ތިން ދުވަހުގެ ސަސްޕެންޝަނަކަށް ފަހުގައެވެ. އަދި ޒީނިޔާ ބްރޯޑްކޮމްގެ ވަޒީފާއިން ވަކިކުރީ މެއި މަހުގެ 25 ދުވަހުގެ ތާރީޚުގައެވެ.