ޝާން މުޙައްމަދު

ޙައްޖާއި ޢުމްރާއަށް ސަރުކާރުން ހާއްސަ އެޕެއް ލޯންޗުކޮށްފި

ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށް ދިނުމަށް ”ޙާޖީ އެމްވީ“ ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ޚާއްޞަ އެޕެއް ލޯންޗްކޮށްފި އެވެ.

ޙާޖީ އެމްވީގެ ނަމުގައި ލޯންޗުކުރި މި އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެޕުން ބެލެން ހުންނާނެ އެވެ.

މި އެޕްލިކޭޝަނާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ލޯންޗްކުރީ އެޕްގެ ފުރަތަމަ ވާޝަން ކަަމަށެވެ. އަދި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެ ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށް ދިނުް ކަމަށެވެ.

މ އެޕްގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާ ބެހޭ ފޮތްތަކާ ނުލައި، ފޯން އެކަނި މިނިސްޓްރީއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

”ހާޖީ އެމްވީ“ ގޫގުލްޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.