ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކުރި އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، ”އިންޒެކް 2025″ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ކޮންފަރެންސް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ޙާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްރޮފެސަރ ޑރ.އައިޝަތު މުނީޒާއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޗެއާމަން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޖަލްސާގެ ޝަރަފްވެރި މެހެމާން، ޕްރޮފެސަރ ޑރ.އައިޝަތު މުނީޒާ އަދި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން ޢަދުނާންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
ރެއާއި ހަމައަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި، 4 ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅު ދެއްކެވުމާއި 4 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ޢާންމުންނަށް ބައިވެރި ވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ކޮންމެ ޕެނަލް ޑިސްކަޝަނަކަށް ފަހު ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީފައި ވެއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ޒަކާތު ކޮންފަރެންސްއެއް ބޭއްވުމުގެ މަޤުސަދަކީ، ޒަމާނަށް ފެތޭފަދަ ހަރުދަނާ ޒަކާތުގެ އޮނިގަނޑެއް އުފެއްދުމާއި، މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. އިންޒެކް 2025 އަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިޔަ މިފަދަ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއެވެ.