ޝާން މުޙައްމަދު

އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުން ވަގުތުން ހުއްޓާލާ – ދިވެހިރާއްޖެ

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލު ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން މިކަން ކުށްވެރިކޮށް ވާހަކަދައްކާފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދެއްވި ތަޤުރީރުގަ އެވެ.

މި ތަޤުރީރުގައި ރާއްޖެއިން ވަނީ އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވަން ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖިއްދާގައި ކުރިޔަށްދިޔަ މި ބައްދަލުވުގެ މައިގަނޑު މަޤްސަދަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި އަދި އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ދެއްވި ތަޤްރީރުގައި ވަނީ މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމަށް އަޅައިފައިވާ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު ކަމެއްކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟